ވެލިދޫ ކުޑަކުދިންގެ ޕާކް ހުޅުވައިފި
8 އޯގަސްޓު 2026 - 07:07

ނ. ވެލިދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފި އެވެ.
މި ޕާކު ހުޅުވުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް އެވެ.

Ad by Hajj Corporation
ގާތްގަނޑަކަށް 2700 މީހުންގެ އާބާދީ އެއް އޮންނަ އެ ރަށުގައި މި ޕާކު ތަރައްގީ ކޮށްފައި ވަނީ އެ ރަށުގެ ދެކުނު އަވަށުގަ އެވެ. މި ޕާކް ހެދުމަށް އާރުޑީސީން ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ހައުސިންގް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްގީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ އިތުރުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
މިނިސްޓްރީން ބުނީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށެއް ހިމެނޭ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.


