"ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިސްލާމީ ނިޒާމަށް ބަދަލުކޮށް އިފްތިތާޙްކޮށްފި
8 އޯގަސްޓު 2026 - 14:42

ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، "ދަނޑުވެރި ނަފާ" ލޯނު ސްކީމް އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢުތަކަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
15 މިލިއަން ރުފިޔާގެ މި މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރު އަމާޒުކުރެވެނީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ. މީގެ ތެރޭގައި އެ ރަށްތަކުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތައް ހިމެނެއެވެ. މި ބުރުގައިވެސް އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ "ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން" ނުވަތަ ތިމާވެއްޓާ ރައްޓެހި ޒަމާނީ ދަނޑުވެރިކަމަށެވެ. މީގެ ތެރޭގައި ގްރީންހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ފަދަ ނިޒާމުތައް ޤާއިމްކުރުން ހިމެނެއެވެ.

Ad by Hajj Corporation
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ. މި ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މީގެ ކުރިން ވަނީ އެ އަތޮޅުތަކުގެ ރަށްތަކުގައި ކުރިއަށް ގެންގޮސްފައެވެ.
ކުރިން އާދައިގެ ލޯނު ސްކީމެއްގެ ގޮތުގައި ހިންގި "ނަފާ" ލޯނު މިހާރު ވަނީ އިސްލާމީ ފައިނޭންސިންގ އުޞޫލަށް ބަދަލުކޮށްފައެވެ. މި ފެސިލިޓީގެ ދަށުން ޒަމާނީ ދަނޑުވެރިކަމުގެ އެކި ދާއިރާތަކަށް ފައިނޭންސް ދޫކުރާނެއެވެ. އޭގެ ތެރޭގައި އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ކުދި ޖަނަވާރު ގެންގުޅުމާއި ކުާނާ އުފެއްދުން، އަދި ޕްލާންޓް ނާސަރީތައް ހިމެނެއެވެ.
މީގެ އިތުރުން، ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސް، ޕެޓް ފާމް އަދި ޕެޓް ސަޕްލައި ކުރުން ފަދަ ޚިދުމަތްތަކަށްވެސް މި ފެސިލިޓީގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.
މި ދެ ފައިނޭންސިންގ ސްކީމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.


