ދިވެހި ބަސް ރައްކާތެރިކޮށް، ސަގާފަތާއި ޤައުމިއްޔަތު ދިރުވުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާ
8 އޯގަސްޓު 2026 - 18:55

ދިވެހި ބަސް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ސަގާފަތާއި ޤައުމިއްޔަތު ކުރިއަރުވާ ދިރުވުމަކީ ހުރިހާ އެންމެންނާ ގުޅިލާމެހިފައިވާ ވަރަށް މުހިންމު ޒިންމާއެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފާދިއްޕޮޅު ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ނައިބޮލި މަދަހަ މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ނައިފަރުގެ މަލްޓި ޕާރޕަސް ހޯލްގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ، ދިވެހި އަދަބިއްޔާތަށް މުއްސަނދި ޚިދުމަތްތަކެއް ކުރައްވާފައިވާ ނައިފަރު ހުތް ޢަލީދީދީއާއި ފަޟީޟަތުއްޝެއިޚް މަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ފަދަ ބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރައްވާފައެވެ. އަދި މިފަދަ އަދަބީ ތަރިކަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަދުގެ ޖީލުގެ ބޮޑު މަސްއޫލިއްޔަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"އަންނަން އޮތް ޖީލުތަކަށް މިތަރިކަ ރައްކާތެރިކަމާއެކު ގެންގޮސްދީ، އަޅުގަނޑުމެންގެ ބަސް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ ޤައުމިއްޔަތު ކުރިއަރުވާ އަލާކޮށް ދިރުވުމަކީީ އަޅުގަނޑުމެން ހުރިހާ އެންމެންނާވެސް ގުޅި ލާމެހިފައިވާ ވަރަށް މުހިންމު ޒިންމާއެއް" ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކާމިޔާބު މުބާރާތެއް އިންތިޒާމުކުރި ކަމަށްޓަކައި ނައިފަރު ކައުންސިލަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
2022 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ބާއްވަމުން އަންނަ މި މުބާރާތަކީ ނައިފަރު ރައްޔިތުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 382 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި އިސްރަށްވެހިން ހިމެނެއެވެ. މުބާރާތުގައި 24 ވަކިވަކި ހުށަހެޅުމާއި 36 ގުރޫޕު ހުށަހެޅުން ފެނިގެން ގޮސްފައިވެއެވެ.
މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "އަލިމަސް ކެޓެގަރީ" ގެ މަދަހަތައް ވެސް މިއަހަރުގެ މުބާރާތުގައި ވަނީ ހުށަހަޅާފައެވެ. މިއީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ޝާމިލު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި ކެޓެގަރީތަކުން ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ހަފްލާއަކީ ނައިފަރުގެ ފަންނުވެރިކަމާއި ދީނީ ލޯބި ދައްކުވައިދިން ކުލަގަދަ ރަސްމިއްޔާތެކެވެ.


