އިޞްލާޙުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ލަސްވިޔަނުދީ ހަލުވިކަމާއެކު ކުރިއަށްގެންދިއުމުގެ މަގު ފަހިވާނެ: ހަންނާނު
10 އޯގަސްޓު 2026 - 18:52

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން، ކައުންސިލްތަކުގެ އިދާރީ މަރުޙަލާތައް ދިގުވުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ލަސްވިޔަނުދީ ހަލުވިކަމާއެކު ކުރިއަށްގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސް ކުރައްވަމުން ހަންނާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ނިޒާމެއް ކަމަށެވެ.

Ad by Hajj Corporation
އެ ބިލު ހުށަހެޅުއްވި ހަންނާނު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ޤާނޫނަށް 15 އަހަރު ވެފައިވާއިރު، ކައުންސިލްތަކަށް ބިންބިމާއި ތަންތަނުގެ މިލްކުވެރިކަން ޤާނޫނީ ގޮތުން ލިބިދީފައިވީ ނަމަވެސް، ބައެއް ރަށްރަށުގައި ރައްޔިތުންނަށްޓަކައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ފެންނަން ނެތުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، މި އިސްލާޙުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ތަރައްޤީގެ މަސްލަހަތު އިސްކޮށް، ޤައުމީ ފެންވަރުގައި ހިންގޭ ބޮޑެތި މަޝްރޫޢުތަކުގައި ދިމާވާ އިދާރީ ހުރަސްތައް ނައްތާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ އަމިއްލަ ފައިދާއަށް ބެލުމެއްނެތި ރައްޔިތުންނަށް ސީދާ އޭގެ މަންފާއާއި ލުއިފަސޭހަ ލިބޭނެ މަސައްކަތްތަކަށް އިސްކަންދިނުމަށް އެކުލަވައިލެވިފައިވާ އިޞްލާޙެއް" މި އިސްލާޙުގެ ދަށުން ރައްޔިތުންގެ ޖަމާއީ މަންފާއަށް އިސްކަންދެވޭނެކަން ފާހަގަކުރައްވަމުން ހަންނާނު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއެޅުން މަނާކުރެވި، މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ޤާނޫނީ ބާރުވެރިކަން ސަރުކާރަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލްތަކުގެ ގުޅުން ހަރުދަނާކުރުމަކީވެސް މި އިސްލާޙުގެ މުހިންމު ބައެއްކަން ހަންނާނު ފާހަގަކުރެއްވިއެވެ. ދައުލަތުގެ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ކަށަވަރުކުރުމަކީ ހިންގުމުގެ ނިޒާމުގައި ހުރި އުނިކަންކަން ނައްތާލައި، ދައުލަތުގެ ހިންގުން ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ހަންނާނު އިތުރަށް ވިދާޅުވީ، ރަށަކަށް ނުވަތަ ސަރަހައްދަކަށް ނުހަނު މުހިންމު މަޝްރޫޢެއް ކުރިއަށްގެންދަންޖެހޭ ހާލަތްތަކުގައި ބިން ބޭނުންކުރުމުގެ ފުރުޞަތު ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ. މިއީ ދައުލަތުގެ ވަސީލަތްތަކާއި ބިން ބޭނުންކުރުމުގައި ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ދިނުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.


