އެމްޑީޕީން ބޭނުން ވަނީ ފޮޓޯއެއް، އުޅެނީ މަޖީދީމަގުގައި މުޒާހަރާކޮށް ރައްޔިތުންނަށް ތުރާޖައްސަން؟
11 އޯގަސްޓު 2026 - 09:58

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މުޒާހަރާތަކާއި އެއްވުންތައް ބާއްވަން ކުރީ ސަރުކާރުން ހަނި ފުރުސަތެއް ދީފައި އޮތް ނަމަވެސް މި ސަރުކާރުން ވަނީ އެކަން ބަދަލުކޮށް، މިކަމުގައި ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފައެވެ. މި ސަރުކާރުގެ ކުރީން މާލޭގައި މުޒާހަރާކުރާން ހުއްދަ އޮންނަނީ ކާނިވާތެރެ އެކަންޏެވެ. ނަަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިތުރު ހަތަރުތަނެއް ހަމަޖައްސަވައި، ޖުމްލަ ފަސް ތަނަށް ބަދަލުކުރަށްވާފައެވެ. އެތަންތަނުގައި ތިބެގެން ޤާނޫނާއި ގަވާއިދުގެތެރެއިން ޚިޔާލު ފާޅުކުރާންވީއެވެ. އެކަމަށް ހުރަހެއްނެތެވެ.
މި ފުރުސަތު މިހެން އޮއްވާ އެމްޑީޕީން ކުރިއަށް އޮތް ބުރާސްފަތި ދުވަހު މާލޭގެ މައި މަގު، މަޖީދީމަގުގައި މުޒާހަރާ ކުރަން ނިންމާފައިވާ ނިންމުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

Ad by Hajj Corporation
މަޖީދީމަގު އިޚްތިޔާރު ކުރުމުގެ ފަހަތުގައިވާ މަގްސަދު
އާދީތައްދުވަހު ފުލުހުންގެ މަރުކަޒުގެ ކައިރީ ހުންނަވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފުރަތަމަ ދިފާޢީ ވަޒީރު އަމީން ފައިސަލް ވިދާޅުވީ މި މުޒާހަރާ މަޖީދީމަގުގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެއީ ހަމައެކަނި ހިނގާލުމެއް ނޫން ކަމަށާއި، ވަކި މަގްސަދުތަކެއް ހާސިލްކުރުމަށް ބާއްވާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، މާލޭގެ އެންމެ ބާރުބޮޑު މަގު މިކަމަށް އިޚްތިޔާރު ކުރުމުގެ އަސްލު ބޭނުމަކީ މަގު ތޮއްޖައްސާލައިގެން، ގިނަ ބަޔަކު އެއްވެފައިވާ ކަމުގެ މަންޒަރެއް ދެއްކުން ކަމަށް ބަލާނެ ޖާގައެބައޮތެވެ. މަޖީދީމަގަކީ އާންމުކޮށްވެސް ކާރޫބާރޫ ބޮޑު މަގަކަށް ވުމުން، މަދު ބަޔަކު ނުކުތް ކަމުގައި ވިޔަސް، މުޅި ސަރަހައްދު ބްލޮކްވެ، ފޮޓޯތަކުން ފެންނައިރު ގިނަ ބަޔަކު ތިބިހެން ހީވެދާނެއެވެ. އެހެންވީއިރު، މުޒާހަރާއަށް މީހުން ނުކުންނާނެ ވަރު މަދުވާނެކަމަށް އެމްޑީޕީން ގަބޫލުކުރަނީތާއެވެ. ބޭރު މަގަކީ މިހާރު ފުޅާމަގަކަށްވުމުން މަދު މީސްކޮޅަކާއެކު ބޮޑު ލަދެއްގައި ބެދިދާނެއެވެ. މަޖީދީ މަގަކީ ބޭރު މަގަށްވުރެ ނިސްބަތުން ހަނިމަގެއްކަމުން، މަދު މީސްކޮޅެއް ނުކުތަސް މަގުގައި ހިނގާބިނގާވާ މީހުންނާއި ދުއްވާ މީހުންނާއެކު އެމްޑީޕީއަށް ބޭނުންވާ ފޮޓޯ ހޯދިދާނެކަމަށް ދެކެނީކަމަށް ބެލެވެއެވެ. އެމްޑީޕީ މުޒާހަރާ ރާވާފައިވާ ގަޑިއަކީ މަޖީދީ މަގު އެންމެ ހަރަކާތްތެރި ގަޑިއެވެ. އެންމެ ގިނަ އާންމުން ނުކުމެ މުހުތާދުތަކަށް ހޭލަމޭލަވާ ވަގުތެވެ. އެހެންވީމައި، އެމްޑީޕީން މިއުޅެނީ ލަދުފޮރުވައި ހީލަތަކުން ފޮޓޯއެއް ދަމައިގަންނަންކަމަށް ނުބެލެވޭނެހެއްޔެވެ؟
ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން
މަޖީދީމަގަކީ މާލޭގެ ވިޔަފާރީގެ މައި ހަބެވެ. ލައްކައިން ދޮޅުލައްކައިން ކުލި ދައްކައިގެން ވިޔަފާރިކުރާ ފަރާތްތަކަށް މިފަދަ މުޒާހަރާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނެ އަޑުއުފުލާއިރު، ހަގީގަތުގައި މި ކުރެވޭ ކަމަކީ ވިޔަފާރިތަކަށް ހުރަސްއެޅުމެވެ. މަގު ބަންދުވުމުން ކަސްޓަމަރުންނަށް ފިހާރަތަކަށް ނުދެވި، ވިޔަފާރިތައް ހުއްޓުމަކަށް އައުމަކީ އެތައް ބައެއްގެ އާމްދަނީއަށް އަސަރުކުރާނެ ކަމެކެވެ. އާންމު މީހާ އަށް ޚިދުމަތް ހޯދަން ނުދެވުމުން ފިހާރަ،ރެސްޓޯރަންޓްފަދަ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.
އާންމު ޚިދުމަތްތަކަށް އެޅޭ ހުރަސް
މަޖީދީމަގު ބަންދުވުމަކީ ހަމައެކަނި ވިޔަފާރިތަކަށް އޮތް ދައްޗެއް ނޫނެވެ. ޓެކްސީ ދަތުރުކުރާ ފަރާތްތަކާއި، އަމިއްލަ ބޭނުންތަކުގައި އެކި ތަންތަނަށް ދާން ބޭނުންވާ އާންމު ރައްޔިތުންނަށް މިއީ ބޮޑު ތުރާލެކެވެ. ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ބަޔަކު އާއިލާއާއެކު ބޭރަށް ނުކުމެ އުޅޭ ވަގުތަކަށް ވާއިރު، މިފަދަ ހަލަބޮލިކަމެއްގެ ސަބަބުން އާންމު މަސްލަހަތު ގެއްލިގެންދެއެވެ. ކުއްލި ހާލަތްތަކުގައި ދަތުރުކުރާ އެމްބިއުލާންސް ފަދަ އުޅަނދުތަކަށްވެސް މިކަމުގެ ސަބަބުން ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އިގްތިސޯދީ އަދި އިޖުތިމާއީ އަސަރު
ގައުމު ހަލަބޮލިކޮށް، އިގްތިސޯދީ ހަރަކާތްތަކަށް ހުރަސްއެޅުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތު މީހާގެ ޖީބަށެވެ. އެމްޑީޕީގެ ލީޑަރުންނަށް މިކަމުން މާބޮޑު ތަދެއް ނުވި ނަމަވެސް، ދުވަހު އާމްދަނީން ދިރިއުޅޭ މީހާއަށް މިއީ ބޮޑު އަނިޔާއެކެވެ. ގައުމުގެ ހަމަޖެހުން ނަގާލުމަކީ އެއްވެސް ފަރާތަކަށް ފައިދާހުރި ކަމެއް ނޫނެވެ.
ޚިޔާލުފާޅުކުރާން ވާނީ ވާނީ އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތައް
ޚިޔާލު ފާޅުކުރުމާއި މުޒާހަރާ ކުރުމަކީ ގާނޫނީ ހައްގަކަށް ވީނަމަވެސް، އެކަން ކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށެވެ. މަޖީދީމަގު ފަދަ ކާރޫބާރޫ ބޮޑު ތަނެއްގައި ބާއްވާ މުޒާހަރާއަކީ ރައްޔިތުންނަށް ދެވޭ ތުރާލެކެވެ. އެހެންކަމުން، ސިޔާސީ ބޭނުންތަކަށްވުރެ އާންމު ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ.


