ނާޒުކު ހާލަތަކުގައި ތިބޭ މީހުންނާއެކު ކުރާ މުއާމަލާތަކީ ރައްކާކުރެވިފައިވާ މައުލޫމާތު: އިޙްސާން
11 އޯގަސްޓު 2026 - 09:26

ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަރަށް ބޮޑަށް ރައްކާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވަނީ، އެޕްރީލް 23ވަނަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނިޔާވި ދަރިވަރަކު ފުލުހުންގެ ވިކްޓިމް ސަޕޯޓް ސަރވިސްއާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މެސެޖުތައް ހާމަކުރުމުގެ ޤާނޫނީ އިޚްތިޔާރުާ ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންކަމަށާއި، އަދި ފުލުހުން އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ހާލަތު ހުރިގޮތުން އެ މަޢުލޫމާތު ހާމަކުރަން މިނިސްޓަރަށް މަޖުބޫރުވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވުމާއެކު، ފުލުހުންނަށް ތުހުމަތުކުރެވޭ ކޮންމެ މައްސަލައެއްގައިވެސް މިފަދަ ނާޒުކު ޒާތީ މަޢުލޫމާތުތައް ޢާންމުކުރުމަކީ މިނިސްޓްރީގެ ސިޔާސަތުތޯ އަހާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމަށާއި ވަކިން ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަކިން ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
ތި އިޝާރާތް ކުރެއްވި ހާދިސާއަށް ފަހުން ރައްޔިތުންގެ މެދުގަ އަދި މީސްމީޑިއާގަ ދޮގު މައުލޫމާތު ފެތުރިގެންދިޔަ. ދޮގު މައުލޫމާތުގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން އެކަމަށް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނެ ބޮޑެތި އިލްޒާމުތަކެއް އެޅުވިގެންދިޔަ. މިއީ ވަރަށް ބޮޑު އިލްޒާމުތަކެއް. ފުލުހުންގެ މުއައްސަސާއަކީ ކޮންމެ ރައްޔިތަކު އަބަދުމެ ޙިދުމަތަކަށް އެދޭ ރައްޔިތުންނަށް 24 ގަޑިއިރު ޚިދުމަތްދޭ މުއައްސަސާއެއް. ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކީ ޙިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަ މުއައްސަސާއެއް. އެ ޔަގީންކަން ގެއްލުވާލަން އެ ދުވަހު ރޭވިގެން ހަރަކާތެއް އެ ގެންދިޔައީ. އަޅުގަނޑަށްވެސް ޤާނޫނުން ވަކި ޒިންމާތަކެއް އެބަވޭ މަތިކޮށްފަ. އިޙްސާން
މިފަދަ ކޮންމެ ހާދިސާއެއްގެ ހެކީގެ މައުލޫމާތު ނުދީފިނަމަ އެ މައުލޫމާތެއް އޮޅުވާލާ ކަމުގެ ތުހުމަތު ކުރާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޑޭޓާ ޕްރައިވަސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ގާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށެވެ.


