ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފި
12 އޯގަސްޓު 2026 - 09:07

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ވަގުތު އައިސްޖެހި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފިއެވެ. އެންމެން ހީކުރި ގޮތާ ޚިލާފަށް، މި ކައިވެނި ބާއްވާފައިވަނީ ވަރަށް ސިއްރިއްޔާތުގައެވެ. މި ކައިވެނީގެ ތަފްސީލުތައް އަދި ސާފުވެފައިނުވި ނަމަވެސް، ކައިވެނި ކުރިކަން ކަށަވަރުވެފައިވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯއިން ފެންނަނީ ދެމަފިރިންގެ އަނގޮޓި އަޅާފައިވާ ދެއަތެވެ.
ޕީޕަލް މެގަޒިންއިން ރިޕޯޓުކޮށްފައިވާ ނޫސްބަޔާނަކަށް ހަވާލާދީ ބުނެފައިވަނީ، މި ސިވިލް ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ޕޯޗުގަލްގެ ކާސްކާއިސްގައި، 11 އޮގަސްޓް 2026 ގައެވެ. މި ކައިވެނި ކުރެވިގެން މިދިޔައީ އެދެމީހުން އެންގޭޖްވިކަން ރަސްމީކޮށް އިއުލާންކުރި ތާރީޚަށް ރަނގަޅަށް އެއް އަހަރު ފުރުނު ދުވަހުއެވެ. 11 އޮގަސްޓް 2025 ގައި ޖޯޖީނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން ރޮނާލްޑޯގެ އަތްމަތީގައި އޭނާގެ އަތްއޮތްއިރު، އޭނާ އަޅައިގެން ހުރި އޯވަލް ބައްޓަމުގެ ބޮޑު އަލްމާސި އެންގޭޖްމަންޓް އަނގޮޓި ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

Ad by Hajj Corporation
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރީގޭޒްގެ އާއިލާގައި ސުކޫލް އުމުރުގެ ފަސް ކުދިން ތިބެއެވެ. އެއީ އުމުރުން 8 އަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ އީވާ މާރިއާ އާއި މަތޭއޯ، 8 އަހަރުގެ އަލާނާ، 4 އަހަރުގެ ބެލާ، އަދި ރޮނާލްޑޯގެ ކުރީގެ ގުޅުމަކަށް ލިބިފައިވާ 15 އަހަރުގެ ކްރިސްޓިއާނޯ ޖޫނިއަރއެވެ.
މި ޚަބަރާއެކު، ސަޕޯޓަރުންގެ ޝައުގުވެރިކަން މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސަޕޯޓަރުން ދަނީ ކައިވެނީގެ އިތުރު ތަފްސީލުތައް ހޯދުމަށް އިންތިޒާރު ކުރަމުންނެވެ. އޭގެ ތެރޭގައި ހަފްލާ ބޭއްވި ތަނާއި، ޖޯޖީނާގެ ހެދުން، ކައިވެނީގެ ފޮޓޯތައް އަދި ހަފްލާގައި ބައިވެރިވި އާއިލާ އާއި ރައްޓެހިންގެ މައުލޫމާތު ހިމެނެއެވެ. ނަމަވެސް، މިހާތަނަށް ބެލެވޭ ގޮތުގައި ރޮނާލްޑޯ އާއި ޖޯޖީނާ ގަސްދުކޮށްފައިވަނީ އެމީހުންގެ މި ޚާއްޞަ ދުވަހުގެ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ބެހެއްޓުމަށެވެ.


