ބޭރު ފައިސާ އާ ބެހޭ ޤާނުނުގެ ބިލު މަޖިލީހުން ބަލައިގެންފި
12 އޯގަސްޓު 2026 - 13:17

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާ ބެހޭ ޤާނޫނު" އަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.ސަރުކާތުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދުއެވެ.

Ad by Hajj Corporation
އެ ބިލަކީ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަކުރުމަށާއި، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ހުށަހަޅާފައިވާ ބިލެކެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވާ ގޮތުން،ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާރްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް،ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކެވެ.


