ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި
15 އޯގަސްޓު 2026 - 03:45

ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ މައްސަލަތައް ރިޕޯޓުކުރުމުގައި އިތުރަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން އާންމުންނަށް ހާމަކުރުމަކީ، ފަރުދީ އަދި އިޖުތިމާއީ ގޮތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންނާއި މައިންބަފައިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅުން ހުރި މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation
މިގޮތުން، އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ކޮންޓެންޓު އާންމުކުރުމަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. ޚާއްސަކޮށް، ކުޑަކުދިންނާއި ނާޒުކު ހާލަތުގައިވާ މީހުންގެ ވަނަވަރު ނުވަތަ އެ މީހުން ދެނެގަނެވިދާނެ މައުލޫމާތެއް ހާމަކުރަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް އިދާރާތަކުން ރަސްމީކޮށް ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ މައްސަލަތައް މީސްމީޑިއާގައި "ޝަރީއަތް" ކުރުމުގެ ބަދަލުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން، ކަމާ ބެހޭ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތު ހާމަކުރުމަކީ އެންމެ މަސްހަލަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށެވެ. އަދި ކުޑަކުދިންނާއި މައިންބަފައިންގެ މައުލޫމާތު ގެނެސްދިނުމުގައި އެ މީހުންގެ ކަރާމާތައި އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނޫސްވެރިންނާއި މީޑިއާއަށް ލާޒިމު ކަމެއް ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް މީޑިއާގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް މީޑިއާގައި މަސައްކަތް ކުރާ އެންމެނަށް ހަނދާންކޮށްދީފައެވެ.

-01.jpg&w=3840&q=75)
