ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމު ކުރާ އިސްލާހެއް
16 އޯގަސްޓު 2026 - 05:04

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަދި އޮފްޝޯ ބުކިންގް ޕްލެޓްފޯމުތަކުން ޖީއެސްޓީނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މިއީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ހުހަހެޅި ބިލެކެވެ.

Ad by Hajj Corporation
މި އިސްލާހުގެ ދަށުން އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޖީއެސްޓީ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުން ލަފާކޮށްފައިވާގޮތުގައި، ރާއްޖޭގައި ދާއިމީ ތަނެއް ނެތް މިފަދަ ފަރާތްތަކުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވެގެންދާނެއެވެ.
ސަރުކާރުން މި ބިލު ހުށަހެޅި މައިގަނޑު ސަބަބަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމެވެ. އެގޮތުން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ނަމަވެސް، އޮފްޝޯ ބުކިންގް ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއާރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށް ވަނީ ހިމަނާފަ އެވެ. ބިލުގައިވާގޮތުން، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެފަދަ ޕްރޮޑަކްޓަކާ ގުޅޭ އެޖެންސީ ނުވަތަ ބުކިންގް ހިދުމަތެއް ފޯރުކޮށްދޭނަމަ އެއީ ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި ބަލައި، ޖީއެސްޓީ ނަގާނެ އެވެ. މިފަދަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި ބުއިން އަދި ދަތުރުފަތުރުފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.

-01.jpg&w=3840&q=75)
