ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރަން ފާސްކޮށްފި
17 އޯގަސްޓު 2026 - 10:06

ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ސަރުކާރުގެ ފަރާތުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ބިލު ފާސްކުރަން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.
ސަރުކާރުގެ ފަރާތުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ބިލު ހުށަހެޅުއްވުމުގެ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް، ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
ބިލުގައި ޤާނޫނަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ މާއްދާގައި ވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސިވްޗެއް ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ ތަފާތު ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑާއި ވޮލެޓުން އަނެއް ބޭންކެއްގެ ކިޔުއާރުކޯޑު އަދި މެޝިންތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މުއާމަލާތްތަކުން ނަގާ ފީ ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ.މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

-01.jpg&w=3840&q=75)
