20 ވަނަ މަޖިލީހުގެ ދައުރު ނިމިގެންދާއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބޭނެ: ސަލީމް
17 އޯގަސްޓު 2026 - 14:12

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމިގެންދާއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގައި، އެ ބިލަށް ފާޑުވިދާޅުވެ އިދިކޮޅު އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation
މި އިސްލާހަށް ފާޑުކިޔުއްވި މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން އެ ބިލު ހުށަހަޅާފައި ވަނީ ބޭރު ކުންފުނިތަކުގެ ޓެކްސް ބޮޑުކުރަން ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ކުންފުނިތަަކަށް މަސައްކަތް ލިބި ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މި ދައުރު ނިމޭއިރުގައި ދިވެހިންނަށް އަދި ކޮންސްޓްރަކްޝަން ވިޔަސް އެހެންކަމެއް ވިޔަސް މިހުރިހާ މަސައްކަތެއްގެ ބާރުވެރިކަން ދިވެހިންނަށް ލިބިގެންދާނެ، މިއީ ޝައްކެއް އޮތް ކަމެއްވެސް ނޫން މީގެ ފައިދާ ވާނީ ކޮސްޓްރަކްޝަން ކުންފުނިތަކަށް އަދި ވިޔަފާރިވެރިންނަށް،" ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން، ބިލު ކިތަންމެ ރަނގަޅު ވިޔަސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ކޮންމެ ބިލެއް ދިރާސާކޮށްލުމަށްފަހު، އެ ބިލަކީ ގޯސް ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "މަޖިލީހަށް އަންނަނީއަކީ ހިތައް އެރި އެއްޗެއް ގޮވާކަށެއް ނޫން، އެހެން ނަމަވެސް ބައެއް ފަހަރު އެބައި މީހުން ގޮވީމަ ހިތަށްއަރާ އެއްޗެހި ގޮވަންވެސް އެބަޖެހޭ، އެހާލަތުވެސް އެބައާދޭ އެހާލަތު އައީމަ އެހާލަށް ވެސް ނުގޮސް ވާކަށްވެސް ނޯވޭ، އެބަޔަކުވެއްޓޭ ފެންވަރަކަށް ނުވެއްޓިވެސް މި މަޖިލީހުގައި އުޅެވޭކަށް ނެތް" ކަމަށެވެ.

-01.jpg&w=3840&q=75)
