"ކުމެވި" ފަންޑުން ޒުވާނުން ވިޔަފާރީ އަށް ވަނުމަށް އިތުރު ފުރުސަތުތައް ފަހިވޭ: މާލީ ވަޒީރު
18 އޯގަސްޓު 2026 - 09:49

"ކުމެވި" ނަމުގައި ސަރުކާރުން އުފެއްދި އެސް.އެމް.އީ އިމްޕެކްޓް ފަންޑަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ވަނުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް ގާއިމުކުރި ފަންޑެއް ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުން އާމްދަނީ އާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 600 މިލިއަން ރުފިޔާގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑު މެދުވެރިކޮށް ދިވެހި ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފުޅާކުރަމުންދާ ކަމަށްށެވެ.

Ad by Hajj Corporation
މި 600 މިލިއަން ރުފިޔާގެ ފަންޑުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އެސް.އެމް.އީ ޑިޖިޓަލްއާ ގުޅިގެންނެވެ.
"މި މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އަދި ހިންގުމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަމުންދާ ދަނޑިވަޅެއްގައި، އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއް. މި ސިޔާސަތުގެ މަގްސަދަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތައް އުފައްދައި އާމްދަނީ ހޯދުމުގެ ފުރުސަތު، ހާއްސަކޮށް ޒުވާނުންނަށް ފުޅާކޮށްދިނުން" މިނިސްޓަރ ޙަސަން ޒަރީރު
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އަހަރުތަކުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ސަބަބުން ކުންފުނިތަކަށާއި ދައުލަތުގެ ބަޖެޓަށް ބޮޑެތި ބުރަތަކެއް ވަނީ ކުރިމަތިވެފަ އެވެ. 2018 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، ނިމިދިޔަ އެމް.ޑީ.ޕީ ގެ ސަރުކާރު ނިމުނުއިރު އެ އަދަދު ވަނީ 36,729 އަށް އިތުރުވެފަ އެވެ. މިއީ އެމް.ޑީ.ޕީ ގެ ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 100 އިންސައްތައިގެ އިތުރުވުމެކެވެ. މިހާރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 41,667 އެވެ.

-01.jpg&w=3840&q=75)
