މުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ 27 އަށް ދަންމާލައިފި
18 އޯގަސްޓު 2026 - 11:32

މުހިންމު މަސައްކަތްތަކެއް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު މި ހިނގާ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މިއަދު ފާސްކޮށްފިއެވެ.
މިއީ މި ހިނގާ ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

Ad by Hajj Corporation
މި ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި، މިގޮތަށް ހުށަހެޅުއްވީ މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުން، އެ ކަންކަން ފުރިހަމައަށް ނިންމާލުމުގެ ފުރުޞަތު ދިނުމަށެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، ދައުރު އިތުރުކުރުމަށް ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރެއްގެ މުއްދަތު އިތުރުކުރެވޭނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ފާސްވެގެންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ޖަލްސާތައް ކުރިއަށްދާނީ 3 ދައުރަކަށް ބަހާލައިގެންނެވެ.
އެއީ:
- ފުރަތަމަ ދައުރު: ފެބުރުއަރީ 1 އިން މެއި 15 އަށް.
- ދެވަނަ ދައުރު: ޖޫން 1 އިން އޮގަސްޓް 15 އަށް.
- ތިންވަނަ ދައުރު: އޮކްޓޯބަރު 1 އިން ނޮވެމްބަރުގެ ނިޔަލަށް.
ގަވާއިދުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހުގެ (އޮގަސްޓް 15) ނިޔަލަށް ނިންމަންޖެހެއެވެ. ނަމަވެސް، މަސައްކަތްތައް ނުނިމޭތީ މިދިޔަ ހަފުތާގައި ފުރަތަމަ ފަހަރަށް ދައުރު އިތުރުކުރީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި މިއަދު ދެވަނަ ފަހަރަށް ގެނައި ބަދަލާއެކު ދައުރު ބަންދުވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށެވެ.

-01.jpg&w=3840&q=75)
