އީންސާނީ އެހީތެރެއިންގެ ހައްގުގައި އަޑު އުފުއްލަވާ، ގައްޒާގެ ހަމާލަތައް ހުއްޓާލުމަށް ރައީސް ގޮވާލައްވައިފި
19 އޯގަސްޓު 2026 - 10:25

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އިންސާނީ ހިދުމަތްތެރިންނާއެކު ސާބިތުކަމާއެކު ތިބި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާކަން އެންމެ ބޮޑަށް ފެންނަމުންދަނީ ގައްޒާއިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމާ ގުޅިގެން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި އެހީދޭ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިހާރުން މިހާރަށް ގައްޒާއަށް ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation
މީގެ އިތުރުން، އިންސާނީ ހިދުމަތުގައި ދެމިތިބި ފަރާތްތަކާއި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ރައީސް ވަނީ އިހުތިރާމް އަދާކުރައްވާފައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ފާހަގަކުރަނީ އިންސާނީ ހިދުމަތުގައި މަރުވި ނުވަތަ އަނިޔާވި ފަރާތްތަކުގެ ޒިކުރާ އާކުރުމާއި، އެހީދޭ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކާލާތުކުރުމުގެ ގޮތުން ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

-01.jpg&w=3840&q=75)
