މާލީ ގޮތުން އެޗްޑީސީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި
19 އޯގަސްޓު 2026 - 12:27

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަން މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.

Ad by Hajj Corporation
ދެހާސް ސައުވީސް ވަނަ އަހަރު އެޗްޑީސީން ވަނީ އިދާރީ ހިންގުމުގެ ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، މާލީ ހިންގުން އިތުރަށް ހަރުދަނާކޮށްފަ އެވެ. އެގޮތުން، 2023 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި 848.2 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 710.8 މިލިއަން ރުފިޔާއަށް ތިރިކޮށް 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފަ އެވެ.
މީގެއިތުރުން، 2023 ވަނަ އަހަރު އޮޕަރޭޓިން މަސައްކަތްތަކުން 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް ރެކޯޑުކުރެވިފައި ވީނަމަވެސް، 2024 ވަނަ އަހަރު އެ މަސައްކަތްތަކުން ލިބުނު ނެޓް ކޭޝް ވަނީ 157.8 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އެ އަހަރު 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކައި، ދިގު މުއްދަތުގެ ލޯނުތަކުގެ އަދަދު 7.48 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ކުންފުނީގެ ޖުމްލަ އާމްދަނީ 2023 ވަނަ އަހަރުގެ 6.53 ބިލިއަން ރުފިޔާއިން 2024 ވަނަ އަހަރު 3.54 ބިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 2.01 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިގޮތުން 2024 ވަނަ އަހަރު ނިމުނުއިރު އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު 42.52 ބިލިއަން ރުފިޔާގައި ހުރިއިރު، ޖުމްލަ ޒިންމާތައް ވަނީ 14.09 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފަ އެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުން، މި މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

-01.jpg&w=3840&q=75)
