އަލް އަހްލީ ބަލިކޮށް ބާސެލޯނާއިން ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފި
20 އޯގަސްޓު 2026 - 08:26

ޕްރީ ސީޒަނުގެ އެންމެ ފަހު މެޗުގައި މިޞްރުގެ އަލް އަހްލީގެ މައްޗަށް 2-1 އިން ކުރިހޯދައި، ބާސެލޯނާއިން މި އަހަރުގެ ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފިއެވެ. ބުދަ ދުވަހު ކުޅުނު މި މެޗުގައި ބާސެލޯނާއަށް އަލަށް ސޮއިކުރި އެންތަނީ ގޯޑަން ވަނީ އޭނާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގެ ފަހުވަގުތުގައި ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ.
މެޗު ފެށުމުގެ ކުރިން ބާސެލޯނާއަށް އަލަށް ގެނައި ކުޅުންތެރިޔާ ރޮޑްރީ ވަނީ ކޭމްޕް ނޯގެ ވިނަގަނޑުމައްޗަށް އަރައި ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ. ނަމަވެސް، ވޯލްޑް ކަޕް ގޯލްޑަން ބޯލް ހޯދި މި ކުޅުންތެރިޔާ މި މެޗުގައި ކުޅެފައެއް ނުވެއެވެ.

Ad by Hajj Corporation
މެޗުގެ 29 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ އަލެހަންދްރޯ ބަލްޑޭ ނަގައިދިން ހުރަހަކުން އުމުރުން 18 އަހަރުގެ ހަމްޒާ އަބްދުލްކަރީމް ކާމިޔާބުކުރި ލަނޑެކެވެ. މިސްރުގެ މި ޒުވާން ކުޅުންތެރިޔާ އޭނާގެ ކުރީގެ ކްލަބަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ލަނޑު އުފާފާޅުކޮށްފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އަލް އަހްލީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މޮންސެފް ބަކްރާރު ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާތު ފައިން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒީޒޯއެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއާ ގުޅުނު ގޯޑަން ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއުކުރުމާ ގުޅިގެން އޭނާއަށް ވަނީ ފުރަތަމަ މެޗުގައި ލަނޑު ޖެހުމުގެ ފުރުސަތު ގެއްލިފައެވެ. މެޗު 2-1 އިން ނިމުނުއިރު، ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ދެން ނުކުންނާނީ އާ ލަލީގާ ސީޒަން ފެށުމުގެ ގޮތުން އާދީއްތަ ދުވަހު އެލްޗޭއާ ދެކޮޅަށް ރަށުން ބޭރުގައެވެ.

-01.jpg&w=3840&q=75)
