ގަވާއިދާ ޚިލާފުވެގެން ""އެކްސްޕްރެސް މަނީ އެކްސްޗޭންޖް " ގެ ލައިސަންސް ބާތިލްކޮށްފި
21 އޯގަސްޓު 2026 - 07:12

ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އެކްސްޕްރެސް މަނީ އެކްސްޗޭންޖަށް ދީފައިވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
މިއީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށާއި ގަވާއިދާ ޚިލާފަށް ހިންގާ މުޢާމަލާތްތައް ހުއްޓުވުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަށް އެކްސްޕްރެސް މަނީ އެކްސްޗޭންޖަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރީ، މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފުވާކަން ފާހަގަކުރެވުމާއި ގުޅިގެން ކަމަށެވެ.

Ad by Hajj Corporation
އެމްއެމްއޭއިން ވަނީ ބޭރުފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް، އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓަކީ 1 ޑޮލަރަށް -/15.42 ރުފިޔާއެވެ. ނަމަވެސް، ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއަށް ފުރިހަމައަށް ނުވަދެ ބޭރުގައި ދައުރުވުމުގެ ސަބަބުން، ޒަމާނުއްސުރެ ރާއްޖޭގައި ޑޮރަރުގެ ބޮޑު "ކަޅުބާޒާރެއް"ވަނީ އުފެދިފައެވެ. މި ފަހަކަށް އައިސް ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ބޭރުގެ ދަރަނި ދެއްކުމަށް ހުރި ގޮންޖެހުންތަކާ ހުރެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން މުދާ އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހި، ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އެމްއެމްއޭ އިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ރިސޯޓްތަކަށް ވަންނަ ޢާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދުތައް ބަދަލުކުރުން، އިމްޕޯޓް މުޢާމަލާތްތަކަށް ފަސޭހަކުރުމަށްޓަކައި، އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ހަފުތާގެ ޑޮލަރުގެ ސަޕްލައި %51 އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރުގެ ރޭޓްތައް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ޖެހުން މަނާކޮށް، ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމަށް މަޖިލީހުން ދަނީ ބިލެއް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ކަން ވެސް ފާހަގަކޮށްލެވެއެވެ.
އެމްއެމްއޭ އިން ވަނީ ބޭރު ފައިސާގެ ބާޒާރުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި، ގަވާއިދުތަކަށް ބޯނުލަނބާ މަނީ ޗޭންޖަރުންނާ މެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ދީފައެވެ.

-01.jpg&w=3840&q=75)
