ބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ އާއި ސައުތު ޕާމް ރިސޯޓުން
23 އޯގަސްޓު 2026 - 14:16

މަރުކަޒީ ބޭންކް އެމްއެމްއޭއިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރަން ނިންމައި، މިއަދު ވަނީ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި އެވެ.

Ad by Hajj Corporation
ލިސްޓުގައިވާ ގޮތުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. ނަމަވެސް، ޖުމްލަކޮށް ބަލާއިރު ގިނަ ރިސޯޓުތަކުން އަންނަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާ ގޮތުން 78 އިންސައްތަ ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދަނީ 20 އިންސައްތަ ރިސޯޓުންނެވެ. މި 20 އިންސައްތައިގެ ތެރެއިން ގިނަ ރިސޯޓުތަކުން ކޮންސެޝަނަކަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.
މީގެ އިތުރުން ކެޓަގަރީ ބީ ގައި ހިމެނޭ ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ، ސަފާރީ އަދި ހޯމްސްޓޭ ފަދަ މެދު ފަންތީގެ ވިޔަފާރިތަކަށް ބަލާއިރު، އޭގެ ތެރެއިން 48 އިންސައްތަ ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 15 އިންސައްތަ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދާއިރު، 37 އިންސައްތަ ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މި ފަރާތްތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ ސީ ގެ ތެރެއިން 38 އިންސައްތަ ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު، 33 އިންސައްތަ ވިޔަފާރިން އެކަށީގެންވާ ގޮތަކަށް މާރުނުކުރެއެވެ. އަދި 29 އިންސައްތަ ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މި ފަރާތްތަކުން ކޮންސެޝަން ހޯދުމަށް އެދިފައިވީ ނަމަވެސް، އެކަމަށް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ އެކަން ވަނީ ހުށަހަޅާފައެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ ނަގަނީ އެމްއެމްއޭ އަށެވެ. އޭގެ ތެރެއިން 30 ޕަސެންޓް ބޭންކުތަކަށް ދޫކުރާއިރު، މި ފައިސާ ބޭނުންކުރަން ޖެހެނީ އާންމުންގެ ޒަރޫރީ ބޭނުންތަކާއި، ކާބޯތަކެތި އެތެރެކުރުމަށާއި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށެވެ.

-01.jpg&w=3840&q=75)
