ހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފި
25 އޯގަސްޓު 2026 - 05:55

ގެދޮރު ބިނާކުރުމަށް ސަރުކާރުން ދޫކުރާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ސްކީމުގެ ފުރަތަމަ ބުރުގައި ޖުމްލަ 891 މީހުންނަށް މާލީ އެހީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެތެރެއިން މިހާތަނަށް 244 މީހުންނަށް ލޯނުގެ ފައިސާ ހަމަޖައްސައިދީފައިވާ އިރު، ޝަރުތު ހަމަވާ ނަމަވެސް އަދި ފައިސާ ލިބެންޖެހޭ 629 މީހުންނަށް ފައިސާ ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ފަހުގެ މަރުޙަލާތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation
މަސައްކަތް ލަސްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ފައިސާ ދޫކުރާ އުސޫލާއި އިޖުރާޢަތްތައް ފުރިހަމަކޮށް އެކަން ކުރުމަށް ދިގު މުއްދަތެއް ހޭދަވުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ގެއެއް ކުރަހާއިރު ގެދޮރުގެ 20 އިންސައްތަ ކޮމާޝަލް މަސައްކަތަށް ކަނޑައެޅޭގޮތަށް އުސޫލު އޮތުމާއި، ބައެއް މީހުންގެ ބީއޯކިއު އަގު ދޫކުރާ ލޯނުގެ އަދަދަށްވުރެ ބޮޑުވުން ފަހަގަކުރެވުނު ކަމަށާއި، އެކަންކަން އިސްލާޙުކުރުމަށް އެޕްލިކަންޓާއި ބޭންކާއި މިނިސްޓްރީއާ ދެމެދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ދަށުން ތިން ބަޔަކަށް ފައިސާ ދޫކުރާއިރު، އޭގެތެރޭގައި ހިމެނެނީ ފަހިމާލެ ސްކީމަށް އެޕްލިކަންޓަކަށް 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކާއި، ސަހަރު ސްކީމަށް 3 މިލިއަން ރުފިޔާގެ އިތުރުން ރަށްވެހި ސްކީމަށް 1 މިލިއަން ރުފިޔާ އެވެ.
"ހިޔާވެހި" ޕްރޮގްރާމުގައި އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، އޭގެތެރެއިން 1 ބިލިއަން ރުފިޔާ ދޫކުރަނީ ސަރުކާރުންނެވެ. އަދި ބާކީ ބައި ހަމަޖައްސަނީ ބޭންކު މެދުވެރިކޮށެވެ. މިއީ އިސްލާމީ އުސޫލުން އެންމެ 5 އިންސައްތައިގެ ފައިދާއެއްގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެއް ކަމަށާއި، މި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެ އެވެ.

-01.jpg&w=3840&q=75)
