ޕީއެންސީގެ މެމްބަރުންގެ އަދަދު ހަތްދިހަ ހާހުން މައްޗަށް
26 އޯގަސްޓު 2026 - 12:37

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު ފުރަތަމަ ފަހަރަށް 70،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ހބުނެފި އެވެ.
އެޕާޓީން ބުނީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ގޮތުގައި ޕީއެންސީ ވެގެން ދިއުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވީ ކަމެއް ކަމަށެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ޕީއެންސީގެ ތަރުޖަމާން، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އަންނަ މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްގެ ކުރިން މެމްބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރެއިން ޕީއެންސީގެ ދަފްތަރުގައި މިހާރު 70،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި ރަޖިސްޓްރީވެފައި ތިބީ 67،579 މެމްބަރުންނެވެ. ނަމަވެސް، ފަހުގެ ހަރަކާތްތަކާ އެކު މި އަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގައި މިހާރު ގެންގުޅޭ ނިޒާމާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަންނަން މިހާރު ފޯމު ހުށަހަޅަންޖެހެނީ އީސީގެ "މައި-ޕޯޓަލް" މެދުވެރިކޮށް އީ-ފާސް ބޭނުންކޮށްގެން ކަމަށެވެ. މިގޮތުން އީ-ފާސް މެދުވެރިކޮށް ހުށަހަޅާ ފޯމުތައް ސީދާ ދާނީ ކޮމިޝަނަށެވެ. އަދި ޕީއެންސީން ކުރަންޖެހޭ ހަމައެކަނި ކަމަކީ އެ ފޯމެއްގައިވާ މެމްބަރަކީ ޕާޓީއަށް ވެއްދުމަށް ހުއްދަ ދިނުމެވެ.
ފޯމު ހުށަހެޅިއަސް އީސީން ޕާޓީތަކުގެ ރަސްމީ މެމްބަރުންގެ އަދަދު އަޕްޑޭޓު ކުރާނީ ވެރިފައިކުރުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހުގައެވެ. ނަމަވެސް، އީ-ފާސް މެދުވެރިކޮށް މިހާރު ފޯމު ހުށަހަޅަމުންދާތީ، މީގެ ކުރިން ޕާޓީ މެމްބަރުން އިތުރުކުރުމުގައި ދިމާވި ގިނަ ދަތިތަކާއި މައްސަލަތައް މިހާރު ތަކުރާރުނުވާނެ ކަމަށް ފިރުޒުލް ޔަގީންކަން ދެއްވިއެވެ.

-01.jpg&w=3840&q=75)
