ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާއަތް ބަޔާންކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
1 ސެޕްޓެމްބަރު 2026 - 09:10

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. މި އިޞްލާޙާއެކު ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ އިޖުރާތުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

Ad by Hajj Corporation
އެގޮތުން، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް މި ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. މީގެ އިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކޮށް، އެ ސެންޓަރުތަކުން ޚިދުމަތް ދެވޭނެ އިންތިޒާމުވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު، މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިޞްލާޙާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، މި 19 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވާނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

-01.jpg&w=3840&q=75)
