ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓްގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފި
2 ސެޕްޓެމްބަރު 2026 - 04:36

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ހަތެއް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ އިތުރު ތަފްސީލްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގައެވެ. މި މައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

Ad by Hajj Corporation
އެ ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، އެ ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު ވަނީ މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓިފައެވެ. އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ވަނީ ބެލެވިފައެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ވެސް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ. އަދި އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ.
މީގެއިތުރުން، މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅާފައެވެ.

-01.jpg&w=3840&q=75)
