ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފި
2 ސެޕްޓެމްބަރު 2026 - 04:45

ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ރާއްޖޭގެ ހުރިހާ އިދާރީ އަތޮޅަކަށް ހަވާލުކޮށްފިއެވެ. މިއީ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިނިސްޓްރީއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 6 އޮގަސްޓު 2024 ގައެވެ. މި އެމްއޯޔޫގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން 100,000 ޔުއާންގެ ހިލޭ އެހީ ދީފައިވާއިރު، މި އެހީގެ ދަށުން ލިބުނު ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެއެވެ.

Ad by Hajj Corporation
ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫފާސޫފި އަޅައިގެން މާއްދީ އެހީތެރިކަން ހޯދުމަށް އެދޭ ނިސްބަތް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން މިފަދަ ތަންތަނުގައި ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ ރަށު ކައުންސިލުތަކާ ޙަވާލުވެފައިވާއިރު، ރަށު ފެންވަރުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މި ވަސީލަތްތައް ރަށްރަށުގައި ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.
މި ސްޕްރޭޔަރުތައް މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާ (ކުރީގެ އަތޮޅު ކައުންސިލްތައް) ވަނީ ހަވާލުކުރެވިފައެވެ. މިގޮތުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިނބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫ އަށް މި ތަކެތި ވަނީ ފޯރުކޮށްދީފައެވެ.
އަތޮޅުގެ އެއްވެސް ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ޖެހިއްޖެ ޙާލަތެއްގައި، ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކުރުމަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު އޮފީސްތަކުގެ ޒިންމާއެކެވެ.

-01.jpg&w=3840&q=75)
