ފަންނުވެރިންނަށް މާލީ އެހީދޭ ސްކީމަށް ބޮޑު ތަރުޙީބެއް
20 އޮކްޓޯބަރު 2024 - 10:58

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ސްކީމަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، ފަންނުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ބޭނުންވާ މިންވަރު ހާމަވަމުންދާކަމަށް ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ފަންނުވެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމެއް، ބީސީސީއިން ހުޅުވާލާފައިވަނީ މިމަހުގެ 10ވަނަ ދުވަހުގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، މި ސްކީމަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، ފަންނުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ބޭނުންވާ މިންވަރު ހާމަވަމުންދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތާއެކު ފަންނުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ޤާއިމްކޮށްފައިވާ މި ފަންޑު އިތުރަށް ފުޅާކޮށް އަންނަ އަހަރު އިތުރު ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލާނެކަމަށް ވެސް ބީސީސީން ވަނީ ވިދާޅުވެފައެވެ.
މި ފަންޑުގެ ދަށުން މިހާރު ހުޅުވާލާފައިވާ ސްކީމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ބީސީސީން ވިދާޅުވެއެވެ. އަދި މި ސްކީމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ހަތަރު ދާއިރާގެ ތެރެއިން، ފިލްމު އުފައްދާ ފަރާތްތަކަށް ކަނޑައެޅި އަދަދަށް އެޕްލިކޭޝަން ހަމަވުމާއެކު އެ ދާއިރާއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތު މިހާރު ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާއަށް ވެސް ގިނަ އަދަދެއްގެ އެޕްލިކޭޝަން ލިބެމުންދާކަމަށް ބީސީސީން ވިދާޅުވެއެވެ.
ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި، ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމަށް ކުރިމަތިލާ ފަރާތްތަކަށް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އެހީ ދިނުމަށް ބީސީސީން ވަނީ ނިންމާފައެވެ. މި ސްކީމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި ވިޔަފާރި ތަކަށާއި ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށެވެ.

Ad by Hajj Corporation