ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިފިނަމަ އެންމެ ކުޑަކޮށް ވެސް ފަންސަވީސްހާސް ރުފިޔާގެ ގެ ޖޫރިމަނާއެއް
2 ސެޕްޓެމްބަރު 2026 - 13:14

ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ޤާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނުގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ ޤާނޫނީ ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ ޖިނާޢީ ދަޢުވާ އުފުލިދާނެ ކަމަށާއި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކުރުމާއި ފަސިންޖަރުންގެ ސީޓުގައި ނެތް މީހަކާ ކޮންޓްރޯލް ހަވާލުކުރުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. މި ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި 50،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.
މި ޤާނޫނުގައި މަނާކޮށްފައިިވާ ކަންކަމުގެ ތެރޭގައި އުޅަނދެއް ވިއްކުމަށްފަހު ވެރިފަރާތް ބަދަލުނުކޮށް ދުއްވުމާއި އަހަރީ ފީ ނުއްދައްކައި ދުއްވުމާއި މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދުގައި އުޅަނދު ދުއްވުމާއި ޕާކުކުރުމުގެ އިތުރުން އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރުމާއި އެއް މަގެއްގައި ނުވަތަ މަގުގެ އެއް ލޭނުގައި އެއް ހަމައެއްގައި ތިބެގެން އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކުގައި ދުއްވުމާއި ނެވިގޭޝަން ބޭނުމަށް ނޫންގޮތަކަށް މުވާސަލަތީ ވަސީލަތެއް ބޭނުންކުރުން ހިމެނެއެވެ. މީގެ ތެރެއިން ކަމެއް ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
އުޅަނދުތައް ރަޖިސްޓްރީނުކޮށް ދުއްވުމާއި ލައިސަންސް ނެތި ދުއްވުމާއި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީވެސް މި ޤާނޫނުގެ ދަށުން މަނާކަމަކެވެ. އެގޮތުން، ރަޖިސްޓްރީނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުޅަނދުގެ ވެރިފަރާތް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1500 ރުފިޔާ އަދި ތިންވަނަފަހަރަށް 2000 ރުފިޔާގެ ޖުރިމަނާ ކުރުމާއެކު އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު ޖޫރިމަނާ ދެގުނަވާގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓައި އުޅަނދުގެ ވެރިފަރާތް 2000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

Ad by Hajj Corporation

-01.jpg&w=3840&q=75)
