ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް މާލޭ ޕޮލިހުން ނުކުމެ ހާއްސަ ހަރަކާތްތަކެއް ހިންގައިފި
3 ސެޕްޓެމްބަރު 2026 - 17:38

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ވެސް ސްޓިކާއެއް ދީފައިވެއެވެ.

Ad by Hajj Corporation
މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށް، އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ ކާޑު ވަނީ ހަދިޔާކޮށްފައެވެ. އަދި މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ފުލުހުން ޒިޔާރަތްކޮށް، ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ބަލައި، މަސައްކަތުގެ މާހައުލާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭ އިރުޝާދާއި ލަފާ ވަނީ ދީފައެވެ.
މި ހަރަކާތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލައަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމަށް މާލޭ ޕޮލިހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

-01.jpg&w=3840&q=75)
