ދައުވަތު ނުދެނީސް "އަދަދު"ގެ ނޫސްވެރިޔަކު ދިއުމުން މުންދުގެ ޕްރެސް ކޮންފަރެންސް ކެންސަލް
5 ސެޕްޓެމްބަރު 2026 - 13:03

ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން މަނާކޮށްފައިވާ "އަދަދު" ނޫހުން "ޕްރެސާ ވިތު ދަ ސްޕޮކްސް"އަށް ދިއުމުން އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.
ޕީއެސްއެމްގެ ސްޓޫޑިއޯގައި ހަވީރު 4:00 ގައި ބާއްވަން އުޅުނު މި ޕްރެސް ކޮންފަރެންސް ކެންސަލް ކުރުމަށް ފަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، އެއީ ގެޒެޓްކޮށްފައިވާ އުސޫލުގެ ދަށުން ހާއްސަ ގްރޫޕެއްގައި ހިމެނޭ މީޑީއާތަކަށް ދައުވަތު ދީގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި "އަދަދު" ނޫހުން ހިންގާފައިވާ ކަމަށް ބުނާ ޣައިރު ގާނޫނީ އަމަލުތަކަކާއި ޖިނައީ މައްސަލަތަކަކާ ގުޅިގެން، ރައީސް އޮފީހުގެ މީޑިއާ ގްރޫޕުން އެ ނޫސް ކުރިން އުނިކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
ޕްރެސް ކޮންފަރެންސަށް ވަނުމަށް "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ނަން ނޯޓުކުރަން ފޮނުވި މެސެޖަށް ޖަވާބުދީފައި ނުވި ނަމަވެސް، ލީވާން ސްޓޫޑިއޯއަށް ވަދެ، ނުކުންނަން އެދުމުން ވެސް ޕްރެސްގެ ވަގުތު ގެއްލެމުންދާތީ ބައްދަލުވުން ނުބާއްވަން ނިންމީ ކަމަށް މުންދު ވިދާޅުވި އެވެ.
މިދިޔަ މެއި މަހު "އަދަދު" ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރީ، އެ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވާތީ، އެ މައްސަލަތައް ނިމެންދެން އެ ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.


