ޕީއެންސީންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ތަފާތު އަދި ފާހަގަކޮށްލެވޭ އެއް ބައްދަލުވުން: އިސް ތަރުޖަމާނު
16 ސެޕްޓެމްބަރު 2026 - 15:07

ޕީއެންސީ މަތީ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ތަފާތު އަދި ފާހަގަކޮށްލެވޭ އެއް ބައްދަލުވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީއެންސީގެ ސެނެޓުން އެ ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation
މުޙައްމަދު ޙުސައިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި މަޖިލިސް ކުރިއަށްދަނީ ރެކޯޑު އަދަދެއްގެ މެންބަރުންގެ ބައިވެރިވުމާ އެކުގައެވެ. އަދި ޕާޓީގެ ހިންގުން ޒަމާނީވެ ޑިޖިޓަލައިޒް ވެފައިވާ މިންވަރު މިއަދުގެ ވޯޓުލުމުގެ ނިޒާމުން ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މަތީ މަޖިލީހުގެ ތެރެއިން ވަޒީރުންނާއި ޕާޓީގެ އިސް ލީޑަރޝިޕުން މެންބަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދަވާ ސެޝަންތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޕާޓީގެ އެންމެހައި މެންބަރުން އެއްގަލަކަށް އަރައި، ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.
"މިތަނުން ކޮންމެ ބޭފުޅަކު ވެސް އެނބުރި ރަށަށް ދާނީ ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާ އެކީގައި. ރަށުގައި ކުރިއަށްދާ ކަންކަމާއި، މަޑުޖެހިފައިވާ ކަންކަމުގެ ތަފްޞީލު އޮޅުންފިލުވައިގެން. ވަޒީރުން ޕްރެޒެންޓޭޝަން ދެއްވާއިރު ސުވާލުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދޭ. މިއީ ދެފަރާތަށް ވެސް މައުލޫމާތު ބަދަލުކުރެވޭ މުހިންމު ނިޒާމެއް. ޕާޓީއަކީ ހަމައެކަނި ސިޔާސީ ގޮތުން މީހުން ފޮނުވާ ތަނެއް ނޫން. އެއީ ސަރުކާރަށް ލިބޭ އިތުރު ބާރެއް އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ މައިގަނޑު އެއް ވަސީލަތް. މި މެންބަރުން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެ. މެންބަރުން ވިދާޅުވާނެ މިވެނި މަޝްރޫއެއް ނިމިގެންނޭ ރަށުގައި ޕާޓީ ކުރިއަށްދާނީ، އެކަން އަވަސްކޮށްދޭށޭ. އެ އަޑުތަކަކީ އަޅުގަނޑުމެންނަށް ނުހަނު މުހިންމު މައުލޫމާތުތަކެއް،" މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.
މުޙައްމަދު ޙުސައިން ޝަރީފް އިތުރަށް ވިދާޅުވީ، ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އޮތް އެންމެ އިސް ޒިންމާއަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ. އަދި އެގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަ މަސައްކަތަކީ، އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާގެ މަތިން ލީޑަރޝިޕް ގުޅިގެން ވަރުގަދަ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


