އެންޑީއެމްއޭއަށް ހުޅުމާލެއިން 13،000 އަކަފޫޓްގެ ބިމެއް، އިމަޖެންސީ ސެންޓަރާއި ވަގުތީ ބޯހިޔާވަހިކަމާއި މައި އޮފީސް ގާއިމުކުރާނެ
6 ސެޕްޓެމްބަރު 2026 - 06:01

ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ދާއިމީ މަސައްކަތްތައް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން 13,574 އަކަފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން ހަމަޖައްސައިދިން މި ބިމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ދެއްވި ބިމެކެވެ.

Ad by Hajj Corporation
މި ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން، ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު އިސްކަންދަރު ސްކޫލުން ހިދުމަތް ދޭން ފެށި މި އިދާރާއިން މީގެ ކުރިން ވަނީ ސޯޝަލް ސެންޓަރާއި، ދަރުބާރުގެ އަދި ސީއެސްސީ އިމާރާތުގައި ވެސް އެކި ދުވަސްވަރު އޮޕަރޭޝަންތައް ހިންގާފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ދާއިމީ ބިމެއް ލިބުމަކީ އެ އޮތޯރިޓީގެ ތާރީހުގައި ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އަދި މި އާ ބިމާއެކު ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.


