ފަތުރާ ދޮގުތަކަށް އެންމެން އެކީ 'ނޫނެކޭ' ބުނަން ރައީސް އެދިވަޑައިގެންފި
7 ސެޕްޓެމްބަރު 2026 - 10:50

އެއްވެސް ޒިންމާދާރުކަމެއް ނެތި އަދި އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފަތުރާ ދޮގު ވާހަކަތަކަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި 'ނޫނެކޭ' ބުނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން، އެމަނިކުފާނަށް އަމާޒުކުރައްވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެ ހާދިސާއަކީ އެމަނިކުފާނާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ފުލުހުން މިހާރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އަދި އެވަރުގެ ޒިންމާދާރު މަގާމެއް އަދާކުރެއްވި ބޭފުޅަކު އެއްވެސް ޖެހިލުމެއްނެތި އެފަދައިން ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ޢިއުލާންކުރަށްވާފައިވާ އިހުތިރާމް އަދާކުރުމުގެ މަޝްރޫއު ކާމިޔާބުވާނީ އެފަދަ ދޮގުތަކަށް އެންމެން އެކުގައި ނޫނެކޭ ބުނެގެން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެއްވެސް ހަގީގަތެއް ބެލުމެއްނެތި، އެއްވެސް ޒިންމާދާރުކަމެއްނެތި، މިކަހަލަ ވާހަކަ ދައްކާ ދެއްކުމަށް ނޫނެކޭ ބުނަން އެންމެން އެކައްޗެއް ކިޔަން،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އެކުގައި އެފަދަ ވާހަކަތަކަށް ނޫނެކޭ ބުނެފިނަމަ ސިޔާސީ ފަރާތްތަކުން ވެސް އެފަދަ ކަންކަން ހުއްޓާލާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


