ރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ
7 ސެޕްޓެމްބަރު 2026 - 11:32

ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫންކަމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިނގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ހިނގަމުންދާ ސަރުކާރެއްގެ ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފަށައި، ހަމަ އެ ދައުރުގެ ތެރޭގައި އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުޞަތަކީ މީގެކުރިން ދެވިފައިވާ ފުރުޞަތެއް ނޫން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ތަފާތު މަރުހަލާތަކުގައި ހިނގަމުންދާއިރު، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ފްލެޓްތަކެއް އިމާރާތްކޮށްގެން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލުއިފަސޭހަ ގޮތުގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދެވެމުންދާ ކަމަށެވެ. އަދި މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭ ސަރަޙައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމާ ގުޅުންހުރި ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.


