ހޫނުގަދަވުމުގެ ސަބަބުން "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ
8 ސެޕްޓެމްބަރު 2026 - 13:07

ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުން، އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދާތީ،، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation
ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ އަލާމާތްތައް:
* ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން
* ހަށިގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުން (40°C ނުވަތަ އެއަށްވުރެ މަތިވުން)
* ހަންގަނޑު ރަތްވެ، އާދަޔާ ޚިލާފަށް ހޫނުވުން
* ވިންދު ޖަހާ މިންވަރު އަވަސްވެ، ނޭވާލާން އުނދަގޫވުން
ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް:
* ލަސްނުކޮށް 100އަށް ގުޅައި ޞިއްހީ އެހީތެރިކަން ހޯދުން
* ހިޔާ ސަރަހައްދަކަށާާް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުން
* ބާރު އަންނައުނެއް ލައިގެން ހުރިނަމަ ހަށިގަނޑު ފިނިކުރުމަށް ދޫއަންނައުނަކަށް ބަދަލުކުރުން
* ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުން
* ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުން
* ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުން
މީގެއިތުރުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން މިދިޔަ ހަފުތާގައި ވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.


