ތިން އަހަރުފަހުން ޗެންޕިއަންސް ލީގަށް އެނބުރިއައިސް ޔުނައިޓެޑް ފެށީ ގަދަކޮށް
11 ސެޕްޓެމްބަރު 2026 - 03:45

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގަށް އެނބުރި އައި މެންޗެސްޓާ ޔުނައިޓެޑުން، މި މުބާރާތުގައި އަލަށް ވާދަކުރާ އަޒަރުބައިޖާންގެ ސަބާހް އެފްސީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ. އަމިއްލަ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ތަފާތު ހަތަރު ކުޅުންތެރިންނެވެ.
ޑިސެމްބަރު 2023 ގައި ބަޔާން މިއުނިކް އަތުން ބަލިވެ ގްރޫޕް ސްޓޭޖުން ކެޓި ފަހުން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގައި ނުކުޅެ އޮތް ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގާފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޕެޓްރިކް ޑޯގޫ ނަގައިދިން ހުރަހަކުން ފުރަތަމަ ލަނޑު ޖެހީ މަތެއުސް ކޫންޔާއެވެ. އޭގެފަހުން 42 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ދެވަނަ ލަނޑު ޖެހިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، 68 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒްއެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ޔުނައިޓެޑުން 21 ހަމަލާ އުފެއްދިއިރު، އަންނަ އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މުހިންމު މެޗުގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް އަނިޔާނުވެ މި މެޗު ނިންމާލެވުމަކީ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ޔޫރަޕްގެ މައި މުބާރާތެއްގައި އަލަށް ވާދަކުރި ސަބާހް އެފްސީން މި މެޗުގައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެ ޓީމު ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ފުރަތަމަ އެގާރައިގައި 11 ތަފާތު ގައުމަކަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ކުޅުނު ފުރަތަމަ ޓީމަށެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި އަލްޖީރިއާ، އަޒަރުބައިޖާން، ކްރޮއޭޝިއާ، ޖެމެއިކާ، ކަޒަކިސްތާން، ނައިޖީރިއާ، ޕޮލެންޑް، ރުވާންޑާ، ސާބިއާ، ސައުތު އެފްރިކާ އަދި އުޒްބަކިސްތާންގެ ކުޅުންތެރިން ހިމެނުނެވެ.
މި މެޗުގައި ލަނޑު ޖެހި ބްރޫނޯ ފެނާންޑޭޒް ވަނީ 2020 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ފަހުން ޔޫއެފާގެ މުބާރާތްތަކުގައި 23 ލަނޑު ޖަހައި 21 އެސިސްޓް ހަމަކޮށް، މި މުއްދަތުގައި ޔޫރަޕްގައި އެންމެ ގިނަ ލަނޑާއި އެސިސްޓް ހެދި މިޑްފީލްޑަރުގެ ޝަރަފު ދަމަހައްޓާފައެވެ.


