ލަންކާގެ ދެހިވަލާގައި އަތުބޮމެއް އެއްލާލައިގެން ދެ ކުއްޖަކު މަރާލައިފި
11 ސެޕްޓެމްބަރު 2026 - 13:23

ސްރީ ލަންކާގެ ދެހިވަލާގައި ހުރި ގެއަކަށް ރޭ ފަތިހު ބަޔަކު ދިން އަތުބޮމުގެ ހަމަލާއެއްގައި އެ ގޭގައި ތިބި ދެ ފިރިހެން ކުދިން މަރާލައިފިއެވެ.
ލަންކާގެ މީޑިއާތަކުގަައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިނީ ދެހިވަލާގެ ކަވްޑާނަ އަވަށުގެ ސިރީސަންގަބޯ މާވައްތާގައި ހުންނަ ގެއަކަށެވެ. އަދި އެ ހަމަލާގައި، އުމުރުން 11 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު މަރާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

Ad by Hajj Corporation
އުމުރުން 11 އަހަރުގެ ކުއްޖާ މަރުވީ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގަައި ކަމަށާއި އޭނާގެ 17 އަހަރުގެ ބޭބެ މަރުވީ ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާގައި ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އަދި މި ހަމަލާގައި އިތުރު ދެ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާއިރު މަރާލި ކުދިންގެ އުމުރުން 55 އަހަރުގެ ބައްޕައަށްވެސް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށާއި އެ މީހުންނަށް ވެސްހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި ހަމަލާ ދިނީ ތްރީވީލާއެއްގައި ދިޔަ ބައެއް ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


