އިސްލާމްދީނަކީ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމުގެ މަތިވެރި އިލާހީ ނިޢުމަތެއް: ރައީސް
13 ސެޕްޓެމްބަރު 2026 - 02:54

އިސްލާމްދީނަކީ ހަމައެކަނި ރޫޙާނީ ދީނެއް ނޫން ކަމަށާއި، އެއީ ރޫޙާނީ އަދި މާއްދީ ތަރުބިއްޔަތެއްގެ އިތުރުން ނަފުސާނީ ތަސައްލީއެއް އަދި އަޚުލާޤީ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމީ ޝަރީޢަތުން އިންސާނާއަށް ދޭ މުހިންމު އެއް ކަށަވަރުކަމަކީ އޭނާގެ މުދަލުގެ ރައްކާތެރިކަން ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި، މަކަރާއި ހީލަތް ހެދުން ފަދަ ހުރިހައި ކުށްތަކަކާއި އިޖުތިމާޢީ ފަސާދައިގެ އެންމެހައި ނުބައި ޢަމަލުތައް މި މާތް ދީނުގައި ނަހީކުރައްވައި މަނާކުރައްވާފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި ހަލާލު ގޮތުގައި ވިޔަފާރިކުރުމާއި، ފައިސާވެރިވެ މުދާވެރިވެވޭނެ ހެޔޮ މަގުތައް އިސްލާމްދީން ދައްކުވައިދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވައްކަން ކުރުމާއި މުދާ ފޭރުމަކީ ހަމައެކަނި އަޚްލާޤީ ބަދަލެއް ނުވަތަ ވަގުތީ ބިރުވެރިކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމަކީ ބައެއްގެ ތެރޭގައި އިންސާނީވަންތަކަން އަނދައި ހުލިވެފައިވާ މިންވަރު ދައްކުވައިދޭ، އިޖުތިމާޢީ އަދި ޤައުމީ ބޮޑެތި ނުރައްކާތަކެއްގެ ނަތީޖާ ކަމަށާއި، އެފަދަ މާޙައުލެއްގައި އަމާންކަމާއި ހިތްހަމަޖެހުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިހުޒަމާނުގައި ގޭގޭގެ މައިދޮރު ތަޅުލަން ނުޖެހޭ މިންވަރަށް އަދި ފިހާރައިގެ ތަޅުދަނޑި ކަސްޓަމަރުންގެ އަތަށް ދީ، ވެރިމީހާ ނެތް ޙާލަތްތަކުގައިވެސް ތަކެތި ނަގައި ފޮތުގައި ލިޔެލާ އުސޫލުން ވިޔަފާރިކުރެވޭ މިންވަރަށް ދިވެހިންގެ މެދުގައި އިތުބާރާއި އަމާންކަން އޮތް ކަމަށެވެ. މިއީ އިސްލާމްދީނުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި އުފެދިފައި އޮތް ވަރުގަދަ ޔަޤީންކަމާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އިސްލާމްދީނަކީ ހަމައެކަނި ރޫޙާނީ ދީނެއް ނޫން. އިސްލާމްދީނަކީ ރޫޙާނީ ތަރުބިއްޔަތެއް. އިސްލާމްދީނަކީ ނަފުސާނީ ތަސައްލީއެއް. އިސްލާމްދީނަކީ މާއްދީ ތަރުބިއްޔަތެއް. އިސްލާމްދީނަކީ އަޚުލާޤީ ޙަޤީޤަތެއް. އިސްލާމްދީނަކީ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމުގެ މަތިވެރި އިލާހީ ނިޢުމަތެއް،" ރައީސް ވިދާޅުވެފަވެއެވެ.


