ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓަން ރައީސްގެ މަތިވެރި އިލްތިމާސެއް
13 ސެޕްޓެމްބަރު 2026 - 03:08

ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ފިސާރި ކެރިގެން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސްގެ ވާހަކަފުޅުގައި، މިއަދު ފާހަގަކުރެވެނީ ބާޠިލުގެ ބިރުވެރިކަމުން ހިދާޔަތުގެ ހަމަޖެހުމަށް ދިވެހިރާއްޖެ ބަދަލުވިތާ 900 އަހަރު ފުރުމުގެ މަތިވެރި އުފާކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަމުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ދިވެހި ކާބަފައިން ހިޖުރަކުރިކަމުގެ ޝަރަފުވެރި އުފަލާއި، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 900 އަހަރު ހޭދަކުރެވުނު ޢިއްޒަތްތެރި ޒިކުރާ އެމަނިކުފާނު ހަނދާން އައުކުރެއްވިއެވެ.
މާޒީގެ ލޯގަނޑަށް ބެލުމުން ފެންނަނީ ރާއްޖެއަށް ލިބުނު ބޮޑު ނަސީބުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޙާލަތުގެ މަންޒަރަށް ބެލުމުން ބައެއް ދިމަދިމައިގައި ލަކުނުލައި ޒަޚަމްތައް އުފެދިފައިވާތަން ފެންނަ ކަމަށެވެ. އަދި މުސްތަޤުބަލަށް ބަލާއިރު އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި އަމިއްލަ ނަފުސުން ކުރަންހުރި ޖިހާދުތަކާއި ވާންޖެހޭ މަތިވެރި ޤުރުބާނީތައް ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޅި ޤައުމުގެ ސަލާމަތަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން ތަޞައްވުރުތައް އެކަށައަޅައި، ޢަމަލީ ފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން ޒުވާނުންނާއި ކުޑަކުދިންގެ ޅަ ހިތްތަކާއި ލޯތަކަށާއި ކަންފަތްތަކަށް ހުށަހެޅެމުންދާ ކަންކަމުގެ ސަބަބުން، އީމާންތެރިކަމުގެ ރޫޙަށް ކުރިމަތިވާ ނުރައްކާތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އިލްތިމާސްކުރެއްވީ، ދިވެހީންނަށް ލިބުނު އަދި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ މާތްވެގެންވާ އިސްލާމްދީންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ. އަދި ދިވެހި ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ އިސްލާމްދީން ކަމުގައި ވިދާޅުވެ، ހިތުގެ އީމާންތެރިކަމާއި ދިރިއުޅުމުގެ ޢަމަލުތަކުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.


