ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފި
13 ސެޕްޓެމްބަރު 2026 - 13:32

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީ އާއި، ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީގެ އިތުރުން ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ބިނާކުރާ ތާރީޚީ ބިނާއެއް
"ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ" ގެ ނަމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މަޝްރޫޢު ފައިނޭންސް ކުރުމަށާއި އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ކުންފުންޏާއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށާއި، މި ބިނާއަކީ އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށް ވާނެ ކަމަށެވެ.
ޒަމާނީ ގިނަ ވަސީލަތްތަކަކާއެކު 10,000 މީހުންގެ ޖާގަ
ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލަކާއެކު ތަރައްޤީކުރާ މި ބިނާގައި، އިސްލާމީ ތަޢުލީމާއި ސަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން ދާރުލްއާސާރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް މި މަރުކަޒުގައި ހުންނާނެއެވެ. މި ބިނާއަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެއް ކަމަށް ސަރުކާރުން ދެކެއެވެ.


