ރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ އަދި ދީނީ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
15 ސެޕްޓެމްބަރު 2026 - 06:54

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މުހިންމު ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މައިގަނޑުގޮތެއްގައި ސޮއިކުރައްވާފައިވަނީ ދިފާއީ ދާއިރާއާއި ދީނީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައެވެ. އެގޮތުން، ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދުއެވެ. އަދި ދީނީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ދެ އެއްބަސްވުމުގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އޮފް މެލޭޝިއާ ޖޯހަރީ އަބްދުލް ޤަނީއެވެ.

Ad by Hajj Corporation
މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރާއި ދިވެހިރައީސުލްޖުމްހޫރިއްޔާ ރަސްމީ ބައްދަލުވުންތައް ބާއްވަވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމުގެ އިތުރުން އައު ދާއިރާތަކުން ގުޅުން ފުޅާކުރުމާ ބެހޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.


