މެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފި
16 ސެޕްޓެމްބަރު 2026 - 04:40

މެންޗެސްޓާ ޔުނައިޓެޑުގެ އެކެޑަމީން ވިދަމުން އަންނަ އުއްމީދީ ޒުވާން ފޯވާޑް ޖޭޖޭ ގެބްރިއަލް، އެ ކްލަބުގެ ޔުއެފާ ޗެމްޕިއަންސް ލީގު ސްކޮޑުގައި ނުހިމެނުމުން، ކްލަބު ދޫކޮށްލުމަށް ރަސްމީކޮށް އެދިއްޖެއެވެ. ގެބްރިއެލް ޕްރޮފެޝަނަލް ފުޓްބޯޅަ މައިދާނަށް ނިކުމެފައިވަނީ ޔޫޓިއުބަރ އެއް ގެބްރިއެލް އަކީ 'ކިޑް' މެސީ ކަމަށްބުނެ ޔޫޓިއުބަށް ދޫކޮށްލި ފުޓްބޯޅަ ކްލިޕްތަކެއް ވައިރަލްވެ ލިބުނު ފުރުސަތުތަކަކާއި ގުޅިގެންނެވެ. މިއާއެކު އެންމެ ކުޑައިރުއްސުރެ ޖޭޖޭ މަޝްހޫރުވެފައިވަނީ 'ކިޑް މެސީ' ގެ ގޮތުގައެވެ.
އިނގިރޭސިވިލާތުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ އަދި "ލިޓްލް މެސީ"ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 15 އަހަރުގެ ގެބްރިއަލް އެދިފައިވަނީ އޭނާގެ ރަޖިސްޓްރޭޝަން ބާތިލުކޮށް، ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
މައްސަލަ ހޫނުވީ ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީވުމުން

Ad by Hajj Corporation
ޔުނައިޓެޑްގެ 18 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ގެބްރިއަލްގެ މައްސަލަ ގޯސްވީ ސީނިއާ ޗެމްޕިއަންސް ލީގު ސްކޮޑުން އޭނާއަށް ޖާގަ ނުލިބުމުންނެވެ. މި ނިންމުމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާ އެކައުންޓްތަކުން މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ހުރިހާ މައުލޫމާތެއް އުނިކޮށްފައެވެ. އޭނާ އަދި އެހެން އެއްވެސް ޓީމަކާއެކު އެއްބަސްވުމަކަށް އައިސްފައި ނުވި ނަމަވެސް، ގެބްރިއަލްގެ ރަޖިސްޓްރޭޝަން ބާތިލުކުރުމުގެ މައްސަލައިގައި އިސްތިއުނާފު ކުރުމުގެ ހައްގު ޔުނައިޓެޑަށް ލިބިގެންވެއެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯ ގެބްރިއަލްއަށް
ގެބްރިއަލް ހޯދުމަށް މީގެ ކުރިން މެންޗެސްޓާ ސިޓީން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އާސެނަލް، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކުން ވެސް އަންނަނީ އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެހެންކަމުން، އޭނާ ހިލޭ ޓްރާންސްފާއެއްގައި ލިބޭނެ މަގު ފަހިވެއްޖެނަމަ، ޔޫރަޕްގެ ނުފޫޒުގަދަ ކްލަބުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިގެންދާނެއެވެ. ޔުނައިޓެޑްގެ ލެޖެންޑް ރަޔާން ގިގްސް ވެސް ވަނީ ގެބްރިއަލްއަކީ "ވަރަށް ނާދިރު، މޮޅު ހުނަރެއް" ގެ ގޮތުގައި މީގެ ކުރިން ސިފަކޮށްފައެވެ.
ޔުނައިޓެޑަށް ލިބޭނެ ބޮޑު ގެއްލުމެއް
ސީނިއާ ޓީމަށް ކުޅުމުގެ ކުރިން އެކެޑަމީގެ މިފަދަ މޮޅު ފޯވާޑެއް ގެއްލުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ލިބޭނެ ފޫނުބެއްދޭވަރުގެ ބޮޑު ދެރައެކެވެ. ވާދަވެރި ކްލަބެއްގެ އޮފިޝަލަކު މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، "މިއީ ބާސެލޯނާގެ ސީނިއާ ޓީމަށް މެސީ ކުޅުމުގެ ކުރިން އެ ކްލަބުން މެސީ ބީވެގެން ދިއުން ކަހަލަ ބޮޑު ކަމެއް،" ކަމަށެވެ. މި މައްސަލަ ނިމޭ ގޮތަކުން ޔުނައިޓެޑްގެ އެކެޑަމީން ޒުވާން ކުޅުންތެރިން ކުރިއަރުވާ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.


