ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފި
16 ސެޕްޓެމްބަރު 2026 - 05:36

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމުގެ މަޤާމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

Ad by Hajj Corporation
މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންނަށް ވޯޓު ލިބިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ 968 ވޯޓާއެކު މިނިސްޓަރ ޢަބްދުﷲ ރާފިއުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި މިނިސްޓަރ އަޙްމަދު ޝިޔާމަށް 964 ވޯޓު ލިބިވަޑައިގެންނެވި އިރު، ފާޠިމަތު ސަޢުދާއަށް ވަނީ 923 ވޯޓު ލިބިވަޑައިގެންފައެވެ. މީގެއިތުރުން އިބްރާހިމް ޝުޖާޢު 862 ވޯޓު، މިނިސްޓަރ މުޙައްމަދު ސަޢީދު 833 ވޯޓު އަދި މުޙައްމަދު ޙުސައިން ޝަރީފަށް 780 ވޯޓު ލިބިވަޑައިގެންނެވިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލަށް 301 ވޯޓު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 288 ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުން އިޤްރާރުވުން އޮންނާނީ މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ހަވީރު 16:00 ގެ ފަހުން ޝަކުވާތަކަށް ޖަވާބުދޭނެ ކަމަށް ޕީއެންސީން މަޢުލޫމާތުދެއެވެ.
ޕީއެންސީގެ މަތީމަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ކޮންގްރެސްއަށްފަހުވެސް ޕާޓީ އެއްބައިވަންތަކޮށް އޮތުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީން އެކުވެރި ރޫޙެއްގައި މަސައްކަތްކުރުމަށް ބާރުއަޅުއްވަމުން، އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ޒިންމާދާރުކަމާއެކު ޕީއެންސީން އިސްކުރާނީ ޤައުމީ މަޞްލަޙަތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


