ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އަންހެނުންގެ 10 ގޮނޑިއަށް މެމްބަރުން އިންތިހާބުކޮށްފި
16 ސެޕްޓެމްބަރު 2026 - 06:23

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަކުރި ދިހަ ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފިއެވެ.
އިއްޔެ ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދަނީ އެ ޕާޓީގެ އެކި މަގާމުތަކަަށް ބޭފުޅުން އިންތިހާބުކުރުމުގެ މަސައްކަތެވެ.

Ad by Hajj Corporation
ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކޮށްފައިވާ ދިހަ ގޮނޑިއަށް ޖުމްލަ 22 ބޭފުޅަކު ވާދަކުރެއްވިއެވެ. މި އިންތިހާބުގައި އެ ދިހަ ގޮނޑިއަށް ހޮވިވަޑައިގެންފައިވަނީ މަރްޔަމް ޝިއުނާއާއި، ޝެރީން އަބްދުއްސަމަދާއި، އާއިޝަތު މުހައްމަދާއި، ފާތިމަތު ރުހުސާނާއާއި، ފާތިމަތު މިޒުނާއާއި، ފާތިމަތު މުހައްމަދާއި، އާސިޔަތު ރިޔާސާއާއި، އާމިނަތު ނަމްޒާއާއި އާމިނަތު ޝުހުދާގެ އިތުރުން މަރިޔަމް ސާމިޔާއެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ 931 މަންދޫބުންގެ ވޯޓާއެކު މަރްޔަމް ޝިއުނާއަށެވެ.
މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރުން ޒުވާނުންނަށްވެސް ގޮނޑިތަކެއް ހާއްސަކޮށްފައިވެއެވެ. އަދި އެންމެންނަށް ހުޅުވާލައިގެން އާއްމު މެންބަރުންގެ ގޮތުގައި އިންތިހާބުކުރާ 18 ގޮނޑިއަށް 70 އަށްވުރެ ގިނަ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.
މީގެ އިތުރުން ޕާޓީގެ ނައިބުރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ އިންތިހާބުކޮށްފައެވެ. ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަކީ 968 ވޯޓު ހޯއްދެވި ޢަބްދުﷲ ރާފިޢު، 964 ވޯޓު ހޯއްދެވި އަޙްމަދު ޝިޔާމް، 923 ވޯޓު ހޯއްދެވި ފާޠިމަތު ސަޢުދާ، 862 ވޯޓު ހޯއްދެވި އިބްރާހީމް ޝުޖާޢު، 833 ވޯޓު ހޯއްދެވި މުޙައްމަދު ސަޢީދު އަދި 780 ވޯޓު ހޯއްދެވި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.


