ފަޓާސްބަރިއެއްހެން ޕެނަލްޓީ ދީގެން ރަފީނިއާހެދި ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
17 ސެޕްޓެމްބަރު 2026 - 06:53
.jpg&w=3840&q=75)
ސްޕެނިޝް ލަލީގާގައި ރަފީނިއާ ކާމިޔާބުކުރި ހެޓްރިކާއެކު، 7-2 ގެ ބޮޑު ނަތީޖާއަކުން ރޭސިން ސަންޓަންޑާ ބަލިކޮށް ބާސެލޯނާއިން ލީގުގައި ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗު ކާމިޔާބުކޮށް، ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ޗެމްޕިއަން ބާސެލޯނާއިން މިވަނީ ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން ވެސް މޮޅުވެފައެވެ. މިމެޗުގައި ބާސެލޯނާއަށް ވަނީ ޖުމްލަ ތިން ޕެނަލްޓީ ދީފައެވެ.
މެޗުގެ އަށްވަނަ މިނެޓުގައި ޔަމާލް ދިން ބޯޅައަކުން ޔާއޯ ކަންސޭލޯ ވަނީ ރީތި ލަނޑެއް ޖަހައި ބާސާއަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ލީޑު ފުޅާކޮށްދިން ނަމަވެސް، މަގެޓް ގުއޭ ވަނީ ރޭސިންއަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ. އެހެންނަމަވެސް، ކަންސޭލޯގެ ދުރު ރާސްތާގެ ހިތްގައިމު ލަނޑަކާއި، ޑެނީ އޮލްމޯ ދިން ބޯޅައަކުން ރަފީނިއާ ކާމިޔާބުކުރި ލަނޑާއެކު ބާސާއިން ވަރުގަދަކޮށް ފުރަތަމަ ހާފު ނިންމާލިއެވެ. މެޗުގެ ފުރަތަމަ ޕެނަލްޓީ ފުރަތަމަ ހާފުގެ ފަހުވަގުތު ޔަމާލ ޖެހިނަމަވެސް އެ ޕެނަލްޓީ ވަނީ ކީޕަރު ދިފާއުކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ރޭސިންގެ ޔާސިރު ޒަބީރީ ލަނޑެއް ޖަހާފައިވަނިކޮށް، އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބާސެލޯނާގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސަސް އަދި މޮޅު ކުޅުމެއް ދެއްކި ލަމީން ޔަމާލްއެވެ. މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ޔަމާލް ވަނީ ލަލީގާގެ ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑު ޖަހައި އޭނާގެ ކެރިއަރުގެ ރެކޯޑެއް ހަދާފައެވެ.
މި ސައްތައިގެ ތެރޭގައި ބާސެލޯނާއިން ލީގުގެ ފުރަތަމަ ހަ މެޗުން މޮޅުވި ހަ ވަނަ ފަހަރު މިއީ ކަމަށްވާއިރު، މީގެ ކުރިން މިފަދައިން ފެށި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު އެ ޓީމު ވަނީ ލީގު ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި ކުޅުނު ހަ މެޗުން 28 ލަނޑު ޖަހާފައިވާ ބާސާގެ ކާމިޔާބީގެ މައި ތަނބަކީ ހަ މެޗުން ނުވަ ލަނޑާއި ތިން އެސިސްޓް ހަމަކޮށްފައިވާ ރަފީނިއާއެވެ.


