ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަމް ސާޖިދާ
17 ސެޕްޓެމްބަރު 2026 - 13:18

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭއާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ވަރުގަދަ ސިއްޙީ ނިޒާމެއް ބިނާކުރުމުގައި ބަލި މީހުންގެ ރައްކާތެރިކަން އަދާކުރަނީ މުހިއްމު ދައުރެކެވެ.

Ad by Hajj Corporation
ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން، މިއަހަރުގެ ޝިޢާރަކަށް ކަނޑައަޅާފައިވާ "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް" މި ޝިޢާރުގެ މައްޗަށް އެކަމަނާ އަލިއަޅުވާލެއްވިއެވެ. އެގޮތުން ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާގެ ހުރިހާ ހަރުފަތެއްގައި ރައްކާތެރިކަމާއި، ދުރާލާ ބަލިތައް ދެނެގަތުމާއި، އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހޯދާފައިވާ ކާމިޔާބީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަނީ ކަމަށް ވިދާޅުވަމުން، މިފަދަ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން އުމުރަށް އުފުލަމުންދާ ބުރައަށް ލުޔެއް ހޯދައިދިނުމަށް ހުރިހާ ހިސާބަކުންވެސް ރައްކާތެރިކަމާއި އެހީތެރިކަން ލިބިދޭންޖެހޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ. ބަލި މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދީ ފަރުވާގެ ނިޒާމުގައި ހިނގާ އިހުމާލުތައް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަމުންދާއިރު، އެންމެން ގުޅިގެން މި ދާއިރާއަށް އެއްބާރުލުން ދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.


