ލީގުގައި ބަލިނުވެ 46 މެޗު ހަމަކުރި މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފި
17 ސެޕްޓެމްބަރު 2026 - 20:00

ލީގުގައި ބަލިނުވެ 46 މެޗު ހަމަކޮށްފައިވާ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޮޅަށް ފަހު ވަގުތު ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) ޖެހި ގޯލުން 3-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓުން މެޗު ކާމިޔާބުކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފިއެވެ. މިއީ ލީގަށް ނިއުރޭޑިއަންޓް ޕްރޮމޯޓްވި ފަހުން މާޒިޔާގެ މައްޗަށް އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ސީޒަނުގެ ލީގުގައި މާޒިޔާ އަތުން ނިއުއަށް މޮޅެއް ލިބިފައި ނުވާއިރު، މި ސީޒަނުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މާޒިޔާ މޮޅުވެ، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެތެރެއިން ފަހުން ކުޅުނު ތިން މެޗުގައިވެސް ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުނަމަވެސް ސްކޯބޯޑުން އެކަން ފެނިފައެއް ނުވެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފަސްވަނަ މިނިޓްގައި ނިއުގެ ގޮމޭޒް ޑަ ސިލްވާ ގޯލެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މެޗުގެ އަށްވަނަ މިނިޓުގައި ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް އޭރިއާ ތެރެއިން މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Ad by Hajj Corporation
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާގެ އަހުމަދު އައިހަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ މެދަށް އަމާޒުކޮށްލައިގެން މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް އައިސަމް (އައިކޮ) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ އޭރިއާ ތެރެއިން މުޅިން ހުސްކޮށްލާފައި ޑޯރީ ދިން ބޯޅައެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ރާއިފް ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑަކީ އައިހަމް ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށް އަރައި ގޯލަށް ފޮނުވާލައިގެން އައިސަމް ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ނިއުއިން ވަނީ ހިތްވަރު އެލުވާނުލައި ކުޅެ، މެޗުގެ ފަހު ވަގުތު ޑޮރިއެލްޓަން ޖެހި ގޯލާއެކު 3-2 އިން މެޗު ކާމިޔާބުކޮށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މެޗުގެ މޮޅުކުޅުންތެރިޔަކީވެސް ޑޮރިއެލްޓަންއެވެ.
މި ނަތީޖާއާއެކު ނިއު މިވަގުތު އޮތީ ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، ގޯލުގެ ފަރަގުން ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ވިކްޓްރީއެވެ.


