ރަފީނިއާ ބެލަންޑޯ އަށް ނޮމިނޭޓްނުވި މައްސަލައިގެ ހުރިހާ ވަރެއް ލީގުގެ ޓީމުތަކަށް ބާލަނީ، އަނެއްކޭވެސް ހެޓްރިކެއް
20 ސެޕްޓެމްބަރު 2026 - 04:32

މިމަހުގެ އެކުލަވާލެވުނު ބެލަންޑޯ ނޮމިނޭޝަން ލިސްޓްގައި މިދިޔަ އަހަރުގެ އެންމެ މޮޅު 30 ކުޅުންތެރިންގެ ތެރޭގައި ރަފީނިޔާ ނުހިމެނުމުން އެރުޅިގަނޑު ޓީމުތަކަށް ބާލަންފަށައިފިއެވެ. ގޯލުޖެހުމުގެ ރެކޯޑްތަކެއް ހަދަމުން އަންނަ ރަފީނިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކް ހަދާފައިވާއިރު، ރޭގައިވެސް ވަނީ ހެޓްރިކް ހަދާފައެވެ. ރޭގެ މެޗުގައި ބާސެލޯނާ މޮޅުވެފައިވަނީ ފަހަތުން އަރައި ތިން ގޯލުޖަހައި 3:1 އިންނެވެ.
އެސްޓާޑިއޯ ރަމޯން ސަންޗޭޒް ޕިޒްހުއާންގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ފެލިކްސް ކޮރެއާ ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޔޫސުފް ފޮފާނާ ވަނީ ސެވިއްޔާއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން އަންދްރެއަސް ކްރިސްޓެންސެން ދިން ޕާހަކުން ރަފީނިއާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ޔަމާލް ދިން ބޯޅައަކުން ކީޕަރު އޮޑީސިއަސް ވްލަޗޮޑީމޮސްގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ރަފީނިއާ ވަނީ އޭނާގެ ފުރިހަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގައި ބާސެލޯނާގެ ކުރިމަގުގެ ތަރި ލަމީން ޔަމާލް އަދި ރަފީނިއާގެ ފަރާތުން އާދަޔާޚިލާފު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ސީޒަނުގެ ލީގުގެ ފުރަތަމަ ހަތް މެޗަށްފަހު ރަފީނިއާ 12 ލަނޑު ހަމަކޮށްފައިވާއިރު، 21 ވަނަ ގަރުނުގައި މި މުއްދަތުގައި އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ (2014-15 ސީޒަނުގައި 13 ލަނޑު) އެވެ. މީގެއިތުރުން، ޔަމާލް ވަނީ ބާސެލޯނާއަށް ކުޅެދިން 159 މެޗުގައި 51 އެސިސްޓް ހަމަކޮށް، 2013-14 ސީޒަނަށްފަހު 50 އެސިސްޓް ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށް ދާއިރު މި ނަތީޖާއާއެކު ކޯޗު ހަންސީ ފްލިކްއަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، ދެވަނަ ހާފުގެ މެދުތެރެއިން ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެންއަށް ލިބުނު އަނިޔާއަކީ ޓީމަށް ކުރިމަތިވި ކަންބޮޑުވުމެކެވެ.


