ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއް: ރައީސް
23 ސެޕްޓެމްބަރު 2026 - 08:09
.jpg&w=1200&q=75)
ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ އެތައް ސަތޭކަ އަހަރުވީ ގުޅުމެއް ކަމަށާއި އެއީ ދެ ގައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ސައުދީގެ 96 ވަނަ ގައުމީ ދުވަހާ ގުޅުވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފައެވެ.
އަދި ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އިތުބާރު ކުރެވޭ މުހިންމު ބައިވެރިއެއް ކަމަށާއި ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު، ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ވަކިވަކިން ފޮނުއްވި މެސެޖެއްގައި ވެސް ވަނީ ސައުދީއަކީ އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތްކަން ފާހަގަކުރައްވައިފައެވެ.
ދެގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ފުޅާ ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސައުދީން ރާއްޖެއަށް ވަމުން އަންނަ އެންމެހާ އެހީތެރިކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ޚާއްސަކޮށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވަމުން، ރަސްގެފާނާއި ވަލީއަހުދަށް ފުރިހަމަ ސިއްހަތަކާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ސައުދީގެ ރައްޔިތުންނަށް ސުލްހަ އާއި ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އެދި، އެމަނިކުފާނުގެ ނަންފުޅުގައި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވިއެވެ.


