ސައުދީ ލީގަށް ބަދަލުވީ އަންނަން އޮތް ޖީލުތަކަށް ވާވަރަށް ފައިސާ ހޯދަން
24 ސެޕްޓެމްބަރު 2026 - 08:51

މެންޗެސްޓާ ސިޓީ ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ގަދްސިޔާ އަށް ބަދަލުވި މައިގަނޑު ސަބަބަކީ އެ ކްލަބުން ހުށަހެޅި ބޮޑު މާލީ ފައިދާ ކަމަށް ނެދަލެންޑްސްގެ މިޑްފީލްޑަރު ޓިޖާނީ ރެއިންޑާސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެއްބަސްވެއްޖެ އެވެ.
ސިޓީގައި އެންމެ ސީޒަނެއް ހޭދަކުރުމަށްފަހު 52 މިލިއަން ޕައުންޑުގެ އަގަކަށް ސައުދީގެ އަލް ގަދްސިޔާ އަށް ބަދަލުވި ރެއިންޑާސް ބުނީ، ސައުދީ އަރަބިއްޔާއަށް ދިޔުމުގެ ފަހަތުގައިވާ މާލީ ސަބަބުތައް ސިއްރުކުރަން ބޭނުންނުވާ ކަމަށެވެ. އެގޮތުން މިއީ އޭނާގެ އަންނަން އޮތް ޖީލުތަކުގެ މާލީ މުސްތަގުބަލު ކަށަވަރުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ރެއިންޑާސް ބުނީ، ކުޅުން ހުއްޓާލުމަށްފަހު އިތުރަށް މަސައްކަތްކުރަން ބޭނުންނުވާ ކަމަށެވެ. "މިއީ އަހަރެންގެ އާއިލާގެ އަންނަން އޮތް ޖީލުތަކަށް ވާވަރުގެ ފައިސާ. ސިޓީގެ ކޮންޓްރެކްޓަށް ފަހު ވެސް މަސައްކަތްކުރާކަށް ނުޖެހޭނެ. އެކަމަކު މި ކޮންޓްރެކްޓްގެ ސަބަބުން އަހަރެންގެ ކާފަދަރިންގެ މުސްތަގުބަލު ވެސް މާލީ ގޮތުން ކަށަވަރުކުރެވޭނެ. ދެން ކީއްވެ މި ފުރުސަތު ދޫކޮށްލަންވީ؟ މި ވާހަކައިގައި ދޮގެއް ހަދާކަށް ނެތިން،" ރެއިންޑާސް ބުންޏެވެ.
މީގެއިތުރުން ސިޓީގެ ކޯޗު އެންޒޯ މަރެސްކާގެ ޓެކްޓިކަލް ބަދަލުތަކުގެ ސަބަބުން އިތުރަށް ކުރިއަށް ޖެހިގެން ކުޅެން ޖެހުމަކީ ވެސް އައު ޗެލެންޖެއް ހޯދުމަށް ވިސްނި ސަބަބެއް ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި ސައުދީ ލީގުގެ ފެންވަރު ދަށް ނޫން ކަމަށާއި، ބޮޑެތި ތަރިންނާއެކު އެ ލީގުގެ ފެންވަރު ޑަޗް ލީގަށް ވުރެ ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. ރެއިންޑާސްގެ އަމާޒަކީ ސައުދީގައި ތިން-ހަތަރު އަހަރު ކުޅުމަށްފަހު އަލުން ޔޫރަޕަށް އެނބުރި ދިޔުމެވެ.
ނެދަލެންޑްސްގެ އައު ކޯޗު ޒަވީގެ ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދަމުން އަންނަ ރެއިންޑާސް ވަނީ މިހާތަނަށް އަލް ގަދްސިޔާ އަށް ކުޅުނު 5 މެޗުން 3 ގޯލު ޖަހައިދީފަ އެވެ. އޭނާގެ ކްލަބް އަލް ގަދްސިޔާ މިވަގުތު އޮތީ ސައުދީ ޕްރޯ ލީގުގެ ހަތަރުވަނައިގަ އެވެ.


