އައްޑޫ ލިންކް ރޯޑު ބޮޑު ބަދަލަކަށް: 12.3 ކިލޯމީޓަރުގެ ސަރަހައްދެއް 4 ލޭނަށް ފުޅާކުރަން ހަވާލުކޮށްފި
24 ސެޕްޓެމްބަރު 2026 - 12:10

އައްޑޫ ސިޓީގެ ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު، ޗައިނާގެ ހޮންގްކޮންގްގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ ކޯ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގް އެވެ.
މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، ޖުމްލަ 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މަސައްކަތް ކުރިއަށްދާނީ މަގު އެއްކޮށް ބަންދުނުކޮށް ކަމަށެވެ. މީގެ ކުރިން މި މަގުގެ ބައެއް މަސައްކަތްތައް އާރްޑީސީއާ ހަވާލުކޮށް، އެ މަސައްކަތަށް ބޭނުންވާ ބޮޑެތި އުޅަނދުތައް އެ ސިޓީއަށް ގެންގޮސް ސާފުކުރުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށާފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މުޅި އައްޑޫ ސިޓީގައި ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ.
ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމާއި، ދުވާރު ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ އިތުރުން ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
2003 ވަނަ އަހަރު ބޭނުންކުރަން ފެށި އައްޑޫ ލިންކް ރޯޑު އެކި ދުވަސްވަރު މަތިން މަރާމާތު ކުރި ނަމަވެސް މަގުގެ ހާލަތު ވަރަށް ދަށްކަމަށް ރައްޔިތުން ފާހަގަކުރެއެވެ. އަދި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގައި، އެތައް ބައެއްގެ ފުރާނަ ގެއްލި ފޫނުބެއްދޭ ވަރުގެ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ.


