ފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!
22 އޮކްޓޯބަރު 2026 - 05:38

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެންމެ ބޮޑަށް ދަހިވެތިވެފައި ހުރި މއ. ބޯގަންވިލާ ފައްޔާޒު އިސްމާއީލް މިވަގުތު ކެމްޕޭން ކުރަމުން ގެންދަނީ އައްޑޫ ސިޓީގައެވެ. ފައްޔާޒު އައްޑޫއަށް ދާތީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނެރެވޭތޯ ވަރަށް ބޮޑަށް އިޝްތިހާރުކޮށްގެންވެސް ނެރެވުނީ ނިސްބަތުން މަދު ބައެކެވެ. އަދި އެއާޕޯޓަށް ދިޔަ އެންމެންނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ވޯޓު ދޭނެ މީހުން ކަމަށް އޭނާއަށް ހީވުމަކީ ކުށްހީއެކެވެ.
ފައްޔާޒު އައްޑޫއަށް ދާއިރު ކެނެރީގެ މުހައްމަދު ނަޝީދާއި، ނަޝީދު ފެކްޝަންގެ ގިނަ ބަޔަކު އައްޑޫއަށް ދާނެ ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުންނަށް ކުރިން ވިސްނައިދިނުމަށް ފައްޔާޒު ފެކްޝަނުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ބޭނުމަކީ އެއާޕޯޓަށް ވީހާވެސް ގިނަ ބަޔަކު އެއްކޮށް، ފައްޔާޒަކީ އައްޑޫގައި އެންމެ މަގޫބުލު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ދެއްކުމެވެ. ނަމަވެސް އެ މަގުސަދު ހާސިލް ނުވެ ފައްޔާޒުގެ ޓީމަށް ކުރިމަތިވީ ބޮޑު ލަދެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ފައްޔާޒު އައްޑޫއަށް ދިޔައިރު އޭނާގެ އަރިހުގައި ނަޝީދު ފެކްޝަންގެ މީހުންގެ ގޮތުގައި ތިބީ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބް އެކަންޏެވެ. ނަޝީދުގެ ކޮއްކޮ، އީވާ އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފައްޔާޒަށް ކާމިޔާބު ކުރެވިއްޖެނަމަ، އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސުމަށް ނަޝީދު ހުށަހަޅާފައިވާ ނަމެވެ. އެކަމަކު އީވާއާ އެކު ރިޔާސީ ރޭހަށް ނިކުމެ ފައްޔާޒަށް އިތުރު ވޯޓު ތަކެއް ހޯދޭނެ ކަމަށް ނުބެލެވޭތީ، ފައްޔާޒުގެ ފެކްޝަނުން އީވާގެ ނަން އަދި ފާސްކޮށްފައި ނުވާ ކަމަށް ފައްޔާޒުގެ އަރިސް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އައްޑޫއަށް ދިޔައިރު އޭނާގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި އައްޑޫއަށް ބޮޑު އެއްވެސް އިންވެސްޓްމަންޓެއް ހޯދައިދެވިފައެއް ނުވެ އެވެ. އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަދި ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ފެށި ކަމަށް ބުނި ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ވަރާ ގާތަށްވެސް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ފައްޔާޒުމެންގެ ސަރުކާރުގައި އައްޑޫގެ މަގުތައް ހަދަން ފެށި ނަމަވެސް ވެރިކަން ނިމުނުއިރުވެސް ގިނަ މަގުތައް ހަދައި ނުނިމެ އެވެ. ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި އައްޑޫއަށް އާ ޖަނަރޭޓަރަކާއި ކޭބަލް ކޮޅެއް ހޯދައިނުދެވި ފަސް އަހަރުގެ ބޮޑު ބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނުއަދިރީގައެވެ. އެކަމަކު އެ ފަސް އަހަރު ފައްޔާޒު އުޅުނީ އޭނާއަކީ އެންމެ ބާރުގަދަ ވަޒީރުކަމަށް ހެދިގެން އައްޑޫ ރައްޔިތުންނަށް އޭނާގެ ބްރޯ ޝަހްސް ވިއްކުމުގައެވެ.
އައްޑޫ ސިޓީގެ ވަރަށް ގިނަ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަފާ ހޯދަމުން ދިޔަ ބަޔަކަށްވީ ނަމަވެސް އައްޑޫއަކީ ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ނިސްބަތުން މަދު ތަނެކެވެ. ފައްޔާޒު އެންމެ ބާރުގަދަ ވަޒީރަކަށް ވެގެން އުޅުނު، ނިމިދިޔަ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ، ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫއަށް އެންމެ ގެއްލުން ބޮޑު ފަސް އަހަރެވެ. އައްޑޫގައި ހަދާފައިވާ މަދު ރިސޯޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރިސޯޓް، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް ބަންދުކުރީ ފައްޔާޒު ހިމެނޭ ސޯލިހްގެ ސަރުކާރުގައެވެ. މިކަމުގެ ސަބަބުން އައްޑޫގެ އެތައް ރައްޔިތެއްގެ ވަޒީފާ ގެއްލި އެތައް އާއިލާއެއް މަގުމަތިވެގެން ދިޔަ އެވެ. ސޯލިހްގެ ވެރިކަމުގައި ފައްޔާޒުވެސް ހިމެނެހޭން ޝަންގްރިއްލާ ހުޅުވަނީ ކަމަށް ވިދާޅުވެ އައްޑޫ ރައްޔިތުންނަށް އެތައް ތާރީޚެއް ދިނުމަށްފަހު ވެރިކަން ނިންމާލީ ޝަންގްރިއްލާ ވީރާނާވާން ދޫކޮށްލައި، އައްޑޫ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޝަންގްރިއްލާ އަލުން ހުޅުވައިދީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.
ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރުކަމުގައި އޭނާ އިސްކޮށް ހުންނަވައިގެން އައްޑޫ ރައްޔިތުންނަށް ދެއްކި އެންމެ ބޮޑު ހުވަފެނަކީ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން އައްޑޫގެ ހަންކެޑެ ތަރައްގީކުރުމުގެ ހުވަފެނެވެ. އެކަމަށްޓަކައި މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަނަށް އުފައްދައި، އެ ކުންފުންޏަށް މި ޕްރޮޖެކްޓް ހަވާލުކުރި އެވެ. ނަމަވެސް އައްޑޫ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ރީތި ކުރެހުންތަކެއް ދައްކާލުން ފިޔަވާ ފައްޔާޒުގެ ވަޒީރުކަމުގައި އެ ސަރުކާރުން މިމަޝްރޫއު އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ފައްޔާޒު ކަހަލަ ސިޔާސީ ބިކާރީއަކަށް އެފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އައްޑޫ ރައްޔިތުން މިހާރު ގަބޫލުވެސް ކުރެ އެވެ. ހަންކެޑެ މަޝްރޫއުވެސް ހަގީގަތަކަށް ހަދައިދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެހެންކަމުން އައްޑޫއަށް ފަތުރުވެރިކަމުގެ ނަފާ ހޯދައިދޭނެ ވެރިޔަކަށް ވާނީވެސް ރައީސް މުއިއްޒުކަން ޔަގީނެވެ.
އައްޑޫ ރައްޔިތުން އެންމެ ބޭނުންވި އަސާސި ހިދުމަތްތައް ރަނގަޅު ނުކޮށްދެވުމާއި، އައްޑޫގައި ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ އެއްވެސް ވަރަކަށް ގާއިމުކޮށްދެވިފައި ނުވާތީ، ސޯލިހް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު، އައްޑޫއަށް ވަޑައިގެން އެ ރައްޔިތުންގެ ވޯޓަށް އެދި އާދޭސްކުރުމަކީ ލަދެއް ހަޔާތެއް ނެތް ކަމުގެ ހެއްކެކެވެ. އެހެންކަމުން ފައްޔާޒުގެ އައްޑޫ ދަތުރަކީ އެ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ.

-01.jpg&w=3840&q=75)
